ދިވެހީންގެ ރާއްޖެ އަށް ދިއުމަށްޓަކައި އެއް ވެރިކަމެއް 10 ވަރަކަށް ނުވަތަ 15 ވަރަކަށް އަހަރު އޮންނަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ހަރަކާތަކަށްފަހު ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންދިއުމަށްޓަކައި، އަދި ދިވެހިން އެދޭ ފަދަ ރާއްޖެ އަކަށް ދިވެހި ގައުމު ގެންދިއުމަށްޓަކައި 10ވަރަކަށް 15ވަރަކަށް އަހަރު އެއް ވެރިކަމެއް އޮންނަން ޖެހޭ ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ދިވެހީންގެ ރާއްޖެއެއްގެ ސިޔާސަތު. އެހެންވީމާ އަޅުގަނޑުމެންގެ އަމާޒަކީ ކާމިޔާބު ކަމާއެކީގައި ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ދެމިގެން ދާނެ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކުރުން. މި ފަސް އަހަރު ވެރިކަން ކުރާ ގޮތަކަށް ނޫން އަޅުގަނޑުމެން މިތިބީކީއެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ އާއި އެޕާޓީގެ އިސްވެރިން ތިބީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ވެރިކަން ކުރުމަށް ހޯދައި ދިނުމުގެ ވިސްނުމުގައި ކަމަށެވެ.

އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ޕީއެންސީ އަށް 75،000 މެންބަރުން ހަމަކޮށް އެޕާޓީ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުމަކީ ރައީސް މުއިއްޒުގެ އަމާޒެކެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސްގެ އެ އަމާޒަށް ވާސިލްވެވޭނެ ކަމަށެވެ. އެގޮތުން ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން 60،000 އިން މައްޗަށް އެޕާޓީގެ މެންބަރުންގެ އަދަދު ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.