އެމްޑީޕީގެ ހިންގުމުމަށް އިތުރަށް ފައިސާ ބޭނުންވާތީ، ވިޔަފާރިކޮށްގެން އާމްދަނީ ހޯދުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން، އަދި ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރިޔާސަތު ބެލެހެއްޓެވި ގައުމީ މަޖިލީހުން އެގޮތަށް މިރޭ ފާސްކުރީ 42 މެމްބަރުންގެ އިއްތިފާގުންނެވެ.

ފައްޔާޒު އިއްވެވި އެ ގަރާރުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުން ބަޖެޓުން ދޭ ފައިސާއަކީ އެފަދަ ބޮޑު ޕާޓީއެއްގެ އިދާރީ ހިންގުމަށާއި ހަރަކާތްތައް ހިންގުމަށް ކުރާ ހަރަދުތައް ހަމަޖެއްސުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން އާމްދަނީ ހޯދުމުގެ ގޮތުން އެމްޑީޕީއަށް ހުރި ވިޔަފާރީގެ ފުރުސަތުތައް ދެނެގަތުމާއި ވިޔަފާރި ރަޖިސްޓްރީ ކުރެވެން އޮތް އެންމެ ރަނގަޅު މޮޑެލްއަކީ ކޮބައިކަން ދެނެގަތުމަށްފަހު، އެ ޕާޓީން ވިޔަފާރި ކުރާނެ އުސޫލެއް ވީ އެންމެ އަވަހަށް ގައުމީ މަޖިލީހަށް ހުށަހަޅާނެ ކަމަށް އޭނާ އިއްވެވި ގަރާރުގައިވެއެވެ.

"އާމްދަނީ ހޯދުމުގެ ގޮތުން ޕާޓީއަށް ހުރި ވިޔަފާރީގެ ފުރުސަތުތައް ދެނެގަތުމާއި އަދި ވިޔަފާރި ރަޖިސްޓްރީ ކުރެވެން އޮތް އެންމެ ރަނގަޅު މޮޑެލްއަކީ ކޮބައިކަން ދެނެގަތުމަށްފަހު ވިޔަފާރި ރަޖިސްޓްރީ ކުރާނެ ގޮތެއް ކަނޑއެޅުމަށްފަހު، ކުރާނެ ވިޔަފާރިތަކާއި އެ ވިޔަފާރިތައް ކުރާނެ އުސޫލުތައް ގައުމީ މަޖިލިސްއިން ފާސްކުރުމަށްޓަކާ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް އެންމެ އަވަހަށް ހުށަހެޅުމަށް،" ފައްޔާޒު އިއްވެވި ގަރާރުގައިވެއެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން-- އެމްޑީޕީ ފޮޓޯ

ފައްޔާޒު ވިދާޅުވީ ވިޔަފާރި ކުރުމުގެ ހުއްދަ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ލިބިގެންވާ ކަމަށާއި ކުންފުނި އުފެއްދުމުގެ ބާރު ވެސް ޕާޓީތަކަށް ލިބިގެންވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުންފުނިތަކާ ބެހޭ ރަޖިސްޓަރއާ ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ހުއްދައަށް އެދި ސިޓީއެއް ހުށަހަޅާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވިޔާފަރިއެއްގެ ގޮތުގައި ކުރަން ބޭނުންވަނީ ރިއަލްއެސްޓޭޓް ވިޔަފާރި ކަމަށާއި ޕާޓީގެ ނަމުގައި އެކަން ނުކުރެވޭނެ ގޮތެއްވެއްޖެނަމަ، އެކަން ކުރެވޭނެ ގޮތެއް ގައުމީ މަޖިލީހުން މަޝްވަރާ ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"ކަން ކުރަން އަޅުގަނޑު ބޭނުން. އެއް މަގު ބަންދުވެއްޖެއްޔާމު އެހެން މަގަކުން ދެވޭނެ ގޮތް އެކަމުގައި ތިބޭފުޅުންގެ އެހީތެރިކަން އަޅުގަނޑުމެން ބޭނުންވަނީ މި ވަގުތު އަޅުގަނޑުމެން އޮޕޮޒިޝަންގައި އޮތްއިރުގައި ތަންކޮޅެއް ލުއިކަމާއި ފަސޭހަކަމާއެއްކޮށް އެކަންކަމަށް ދެވޭނެ ގޮތްތައް ހޯއްދަވައި ދެއްވާށޭ،" ފައްޔާޒު ވިދާޅުވިއެވެ.