މާފުށީ މަނާ ތަކެތި ވައްދައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލާގައި ދައުލަތުން ދައުވާކުރި ފަސް އޮފިސަރުންގެ ތެރެއިން ތިން މީހަކަށް އަދަބު ލުއި ކުރެވޭ ގޮތަށް އިއުތިރާފްގެ އެއްބަސްވުމެއް ދައުލަތުން ހަދައިފިއެވެ.

މިދިޔަ ޖޫން މަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި ފަހަރު މަތިން ހޯދި މައްސަލާގައި 18 މީހަކު ހައްޔަރުކުރި ނަމަވެސް ދައުލަތުން ދައުވާކުރަނީ ފަސް މީހަކަށެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ރ. އުނގޫފާރު އައިވަރީހައުސް، ޖިނާހް އަބްދުއްރަހީމާއި ނ. ލަންދޫ ކާމިނީގޭ އަލީ އަސްފާގާއި ކ. މާފުށީ ބީޗްހައުސް، އަލީ ޝަހީމާއި ގއ. ވިލިނގިލީ ކުއްޅަވައްގޭ މުހައްމަދު ފަތޫހު ފަތުހުﷲ އާއި ހދ. ނޭކުރެންދޫ ތަރާނާގޭ އަލީ ނާޒިމްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ލިބިގަތުމުގެ ދައުވާއެވެ.

ރިޝްވަތު ހިފައި، ޖަލަށް ޑްރަގާއި ފޯނު ވެއްދި ކަމަށް ބުނާ ޖަލު އޮފިސަރުންގެ ތެރެއިން ހަތް މީހުން-- ފޮޓޯ/ ޕޮލިސް

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އޭގެ ތެރެއިން ޖިނާހާއި ފަތޫހު އަދި އަސްފާގާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އެ މީހުންގެ އަދަބަށް ދޭން ނިންމާފައިވާ ލުއިތަކެއް ދައުލަތުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ނަމަވެސް ދިފާއީ ވަކީލުން އެދުނީ އިއުތިރާފްގެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދިއުމުގެ ކުރިން ބައެއް ލިޔުންތައް ދިރާސާކުރަން ވަގުތު ބޭނުންވާ ކަމަށެވެ. އެހެންވެ, އެކަމަށް ކޯޓުން ފުރުސަތު ދިނެވެ.

މީގެ އިތުރުން ފަތޫހުގެ ވަކީލަކު ނެތުމުން ވަކީލުން ހަމަޖައްސަން އޭނާއަށް ފުރުސަތު ދިނެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބާކީ ތިބި 8 މީހުންނަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޮތީ ނިންމައިފަ އެވެ.