ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ކަނޑައި، ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމުތަކަށް ޕާޓީގެ މެންބަރުން އަދިވެސް އައްޔަނު ކުރަމުން ގެންދާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިގޮތަށް ބުނެފައި ވަނީ ގދ. ތިނަދޫގައި މަސައްކަތް ކުރާ އާރްޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް އިއްޔެ ވަޒީފާއިން ވަކިކޮށްފައިވަނިކޮށެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން އެ މީހުންގެ ވަޒީފާތަކުން ވަކި ނުކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިކަން ހަނދާކޮށް، އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ރައީސްގެ އެ ވައުދާ ހިލާފަށް، ކޮންމެ ދުވަހަކު އެތައް ސަތޭކަ މުވައްޒަފުންނެއް ވަކިކުރަމުން ގެންދާ ކަމަށެވެ.
އެމްޑީޕީން ބުނީ ނުހައްގުން ވަޒީފާތަކުން ވަކިކުރަމުންދާ މުވައްޒަފުންގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށްޓަކާ، އެފަދަ ޝަކުވާއެއް ވާނަމަ، އެމްޑީޕީއަށް ހުށަހަޅައިދިނުމަށެވެ.
"މީގެ ކުރިންވެސް ރައީސް މުއިއްޒުގެ ސަރުކާރުން، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރަން ފެށިއިރުވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކަށަވަރުކޮށްދިން ފަދައިން، މިހާރުވެސް ނުހައްގުން ވަޒީފާތަކުން ވަކިކުރާ މުވައްޒަފުންގެ ހައްގުތައް ދިފާއުކުރުމަށް، ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިދިނުމުގެ މަސައްކަތް މި ޕާޓީން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އަރުވަމެވެ،" އެމްޑީޕީން ބުންޏެވެ.
ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން ހުއްޓާލައި، ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އެންމެ ފުރަތަމަ ސަރުކާރާ ހަމައިން ފެށުމަށް އެމްޑީޕީން މިއަދު ގޮވާލާފައިވެއެވެ. އެގޮތުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ 2,000 އަށްވުރެ ގިނަ މީހުންގެ ތެރެއިން، ކުރާން އެއްވެސް މަސައްކަތެއް ނެތި އައްޔަނުކޮށްފައި ތިބި މީހުން މަގާމުތަކުން ވަކިކޮށް، އެފަދަ މަގާމުތައް މަދުކުރުމާ އެކު، ސަރުކާރުން ބޭކާރުގޮތުގައި ކުރަމުންދާ ހަރަދުތައް ހުއްޓާލުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
4،000 ފްލެޓު: ޝަރުތު ހަމަނުވާ 450 މީހުން ލިސްޓުން އުނިކުރި
ވައްކަންކުރި މީހަކަށް އަނިޔާކުރި ދެ މީހަކު ހައްޔަރުކޮށްފި
ކައުންސިލް އިންތިހާބާ އެކު ރިފަރަންޑަމެއް ނަގަން އުޅޭ ކަމަށް ބުނެފި
މަންޑޭގެ މައްޗަށް 94 ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފި
އެއްބައިވަންތަކަމަކީ ގައުމެއް ކުރިއަރައި ދިޔުމުގެ ބިންގާ: ރައީސް
ނުވަ މަސް ފަހުން ޝަންމާން ބަންދުން ދޫކޮށްލައިފި