ގާނޫނުން ބާރު ލިބިގެން ކުރިއަށް އޮތް، 20 އަހަރަށް ތަރައްގީގެ ޕްލޭނެއް އެކުލަވާލަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމަވައިފިއެވެ.
ކަމާގުޅުން ހުރި ފަރާތްތަކުގެ ލަފަޔާ އެކު، އެ ތަސައްވުރު އެކުލަވާލަން ނިންމީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އެކަން ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި އެ ޕްލޭން އެކުލަވާލަން ނިންމާފައިވާ ކަމަށެވެ. އެ ޕްލޭން ތައްޔާރު ކުރާނީ ރައްޔިތުންގެ ބައިވެރިވުމާ، ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމަށެވެ.
"ގާނޫނުއަސާސީ އާއި ގާނޫނަށް ވަކިން ހާއްސަކޮށް މިކަމަށް ހަދާ ގާނޫނަކާ އެކު ޕްލޭނެއް ހެދިގެންދާނެ. މީގެ މަގުސަދަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކު، ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖޭގެ ތަސައްވަރު ކުރިއަށް އޮތް 20 އަހަރު ދުވަހަށް ކަނޑައެޅިގެންދާ ދިއުމަކީ ރައްޔިތުންނަށް އެކަމުގެ ޔަގީންކަން އޮންނަ ކަމަކަށް ހެދުން،" ރައީސް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވިއެވެ.
ޕްލޭން އެކުލަވާލުމަށް މަޝްވަރާކުރާނެ ފަރާތްތައް:
- ކައުންސިލްތައް
- ޖަމިއްޔާތައް
- ކުޅިވަރު ކުޅޭ ފަރާތްތައް
- ސިޔާސީ ޕާޓީތައް
- ގައުމުގެ ކަމުވޮށިގެންވާ ފަރާތްތައް
ގައުމީ ތަރައްގީގެ ޕްލޭނަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ކަމެއް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތް 20 އަހަރު ރާއްޖެ އޮންނަން ބޭނުންވާ ގޮތް ކެމްޕެއިންގައި ވިދާޅުވަމުން ގެންދެވި ކަމަށާއި އެ ޕްލޭން އެކުލަވާލާނީ ރައްޔިތުންގެ ހިޔާލާއެކުގައި ކަމަށެވެ.