ކާރު ދުއްވުމުގެ ލައިސެންސް ނެތި، ސައްހަ ނޫން ނަންބަރު ޕްލޭޓެއްގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ޓޯކުރަން އުޅުމުން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ރ. އަލިފުށި، ސިތުރާ، ހަސަން ސައީދު، 35،އެވެ.

ފުލުހުން ބުނީ އޭނާ ދުއްވި ކާރު ހުއްޓުވީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ވެހިކަލް ޗެކް ޕޮއިންޓް (ވީސީޕީ)އަކުން ރޭ ދަންވަރު ކަމަށެވެ. ކާރު ހުއްޓުވައި ބެލިއިރު އެ ކާރަކީ ސީ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ ކާރެއް ކަމަށާއި އެ ކާރު ޓޯކުރަން އުޅުމުން އެކަމަށް އެއްބާރުލުން ނުދޭނެ ކަމަށް އޭނާ ބުނި ކަމަށް ފުލުހުން ބުންޏެވެ.

"...އެއްބާރުލުން ނުދޭނެ ކަމަށް ބުނެ، ކާރު ލޮކްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފިލަން މަސައްކަތް ކުރުމުން ބާރުގެ ބޭނުންކޮށްގެން އޭނާ ވަނީ ހައްޔަރުކޮށްފައެވެ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެއެވެ.

މާލެ އާއި ހުޅުމާލޭގައި ސައްހަ ނޫން ނަންބަރު ބޯޑު ޖަހައިގެން، ވަރަށް ގިނަ ވެހިކަލްތައް ދުއްވަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ. އެކަން ހުއްޓުވުމަށް ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން މަސައްކަތްތަކެއް ވަނީ ފަށާފައެވެ. ވަގު ރަޖިސްޓްރީ ހަދައިގެން މާލޭގައި ދުއްވާ ވެހިކަލްތައް ހޯދުމަށް ފަށާފައިވާ ޕްރޮގްރާމަށް ދީފައި ވަނީ "މާލެ ފެހި" ޕްރޮގްރާމްއެވެ.

މާލެއިން ހުޅުމާލެ ދިއުމަށްޓަކާ، ބްރިޖުގެ ޓެރެފިކް ލައިޓުގައި ބަޔަކު މަޑުކޮށްލައިގެން-- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

މާލެއާ އެކަަށީގެން ނުވާ މިންވަރަށް ވެހިކަލްތަކުން މާލެ ވަނީ "ތޮއްޖެހިފަ"އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީން ފެށިގެން މި ހިނގާ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މަގުމަތީގައި 1953 އެކްސިޑެންޓް ހިނގާފައިވެއެވެ.