ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޤައުމީ އެޖެންޑާގެ އަމާޒަކީ، ޑްރަގްގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުންކަމަށާއި، ގޭންގް ކުށްތަކާ ޤާނޫނު މުގުރުމަށް އެއްވެސް ފުރުޞަތެއް ނުދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ށ. މާއުނގޫދޫ ސުކޫލް ހޯލުގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ޤައުމުގެ މުސްތަޤްބަލަށްޓަކައި ދަރީންނަށް ޤައުމިއްޔަތު އުގަންނައިދީ އަހުލުވެރި ކުރުވުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ދަރިންނަށް ދިވެއްސަކަށް ވީތީ ފަޚުރުވެރިވާން ދަސްކޮށްދޭން ޖެހޭކަމަށާއި ދިވެހިބަހުން ރީތިކޮށް ވާހަކަދައްކައި ލިޔެކިޔުމަކީ ކިހާ އުފާވެރި ފަޚުރުވެރިކަމެއްކަން ވިސްނައިދިނުމަށް ވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ނައިބު ރައީސް ވަނީ މި ސަރުކާރުން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދިވެހީންނަށް އެންމެ އިސްކަން ދިނުމުގެ ސިޔާސަތު، ނުވަތަ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ދެމެހެއްޓެވުމަށް ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާފައެވެ.

ޤައުމުގައި އަމާންކަމާއި ސުލްޙަމަސަލަސްކަން ޔަގީންކޮށް، ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ޞިނާޢަތްތައް ތަޢާރަފްކުރައްވައި، އަމިއްލަ ފައިމައްޗަށް ތެދުވެތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ދައުލަތެއް ބިނާކުރެއްވުމަކީ ވެސް ރައީސްގެ އަމާޒެއްކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބޮޑުތަކުރުފާނު ޤައުމަށްޓަކައި ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތައް ވެސް ފާހަގަކުރައްވާފައެވެ.

"ބޮޑުތަކުރުފާނުގެ މުޅި އުމުރުފުޅު ހޭދަކުރެއްވީ ޤައުމީ ޚިދުމަތުގައި. ޖިހާދުކުރެއްވުމުގައި. ދިވެހީންގެ އަމިއްލަވަންތަކަން ކަށަވަރުކުރެއްވުމުގައި. ދިވެހި ޤައުމުގެ މުސްތަޤިއްލުކަން ވަރުގަދަކޮށް އެތައް ހާސް އަހަރަކަށް ދެމިއޮންނާނެ ބިންގާތައް މި ޤައުމުގައި އެޅުއްވުމުގައި. މިއީ ޤައުމީ ދުވަހު އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނާ ޢަމަލުކުރަންވީ ގޮތް." ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ށ. އަތޮޅުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކޮމިޓީތަކަށްދޭ "މާރެސް" އެވޯޑް ހަވާލުކޮށްދެއްވާފައެވެ.