ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް އިއްޔެ އިން ފެށިގެން ބޭނުން ނުކުރެވޭ ގޮތަށް ހެދީ އިދިކޮޅު އެމްޑީޕީ އަޑީގައި އޮވެގެން ކަމަށާއި އެކަން އެޕާޓީން ކުރީ ސަރުކާރަށް ލޮޅުން އަރުވާލައިގެން އެޕާޓީގެ ވެރިކަމުގައި ކުރި ވައްކަންތަކުން ސަލާމަތްވާން ވެގެން ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ތުހުމަތު ކުރައްވައިފިއެވެ.
ޕީއެންސީ ހައުސްގައި މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްވަމުން ފަލާހް ވިދާޅުވީ އެމްޑީޕީން ވެރިކަން ކޮށްފައި ދިޔައިރު ރާއްޖޭގައި ސަލާމަތުން ހުރި ސަރުކާރުގެ އެއްވެސް ކުންފުންޏެއް ނެތް ކަމަށެވެ. ކޮންމެ ކުންފުންޏަކުން ވެސް އިންތިހާ އަށް ވައްކަން ކޮށްފައިވާ ކަމަށް ފަލާހް ތުހުމަތު ކުރެއްވިއެވެ.
ފަލާހް ވިދާޅުވީ ދައުލަތުގެ އުސޫލުތަކާއި ކުންފުނިތައް ހިންގަން އޮންނަ ގޮތްތަކާއި ހިލާފަށް ސަރުކާރުގެ ކުންފުނިތައް އެމްޑީޕީން ވެރިކަމުގައި ހިންގާފައިވާ ކަމަށެވެ.
"އެހެންވީމާ މިހާރު އެބޭފުޅުން [އެމްޑީޕީ] އެ ގަސްދުކުރައްވަނީ އަޅުގަނޑުމެންގެ މި ސަރުކާރަށް... ސަރުކާރަށް ލޮޅުން އަރުވާލާފައި އެބޭފުޅުން ކޮށްފައި ހުރި ވައްކަންތަކުން ސަލާމަތްވެވަޑައިގަންނަވަން. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" ފަލާހް ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގެ އިސް ފަރާތްތަކުން ކޮށްފައިވާ ވައްކަންތައް އެ އޮންނަ އުސޫލަކުން ބަލާނެ ކަމަށާއި އެކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ ކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހް މިފަދައިން ވިދާޅުވެފައި މިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް އިއްޔެ އިން ފެށިގެން ބޭނުން ނުކުރެވޭ ގޮތަށް ހެދުމަށް ނިންމި ނިންމުމާއި ގުޅިގެންނެވެ.
ބީއެމްއެލް އިން އިއްޔެ ހެނދުނު ނިންމި އެ ނިންމުން އިއްޔެ ހަވީރު ވަނީ އިހު އޮތް ގޮތަށް ބަދަލުކޮށްފައެވެ. އެގޮތަށް ބަދަލުކުރީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އަންގައިގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެކަމާއި ގުޅިގެން އިއްޔެ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް އިން އެ ނިންމުން ނިންމީ އެކަން ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައި ވަނިކޮށް ކަމަށެވެ.