ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް އިއްޔެ އިން ފެށިގެން ބޭނުން ނުކުރެވޭ ގޮތަށް ހެދުމަށް ނިންމި ނިންމުމަކީ މާލީ ބަގާވަތެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ސިފަ ކުރައްވައިފިއެވެ.

ބީއެމްއެލް އިން އިއްޔެ ހެނދުނު ނިންމި އެ ނިންމުން އިއްޔެ ހަވީރު ވަނީ އިހު އޮތް ގޮތަށް ބަދަލުކޮށްފައެވެ. އެގޮތަށް ބަދަލުކުރީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އަންގައިގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެކަމާއި ގުޅިގެން އިއްޔެ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް އިން އެ ނިންމުން ނިންމީ އެކަން ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައި ވަނިކޮށް ކަމަށެވެ.

ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން މިރޭ ޕީއެންސީ ހައުސްގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ދިވެހިންނަށް ދެނީ ހިތްދަތިކަމާއި އަނިޔާ ކަމަށެވެ.

ޕީއެންސީ ހައުސްގައި އޮތް ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު އަދި ނާއިބު ރައީސް ހުސައިން ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ | ޕީއެންސީ

އިއްޔެ ދިވެހިންނަށް އަނެއްކާވެސް ފެނިގެން ދިޔައީ އެމްޑީޕީގެ އަސްލު ސޫރަ ކަމަށް ޝިޔާމް ސިފަ ކުރެއްވިއެވެ. އެމްޑީޕީގެ ވިސްނުމުގައި އަބަދުވެސް އޮންނަނީ ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ގެއްލުން ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް އިންތިހާބު ކުރެއްވީ އެކަކު ދެމީހަކު ކުރި މަސައްކަތަކުން ނޫން ކަމަށާއި އެމަނިކުފާނު ވެރިކަމަށް އިންތިހާބު ކުރެއްވީ ދިވެހި ރައްޔިތުންގެ ތަނަވަސް ބޮޑު އަގުލަބިއްޔަތަކުން ކަމަށް ޝިޔާމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ބަގާވާތް މިއީ މާ ކުރާ ހިތްވާ ކަމެއް މިމީހުން [އެމްޑީޕީ]. ބަގާވާތުގެ ވަރަށް ގިނަ ވައްތަރުތައް ހުރޭ. އިއްޔެ އިރު އެރިއިރުގައި މިއޮތީ މާލީ ބަގާވާތެއް މިގައުމަށް ގެންނަން މިމީހުން އަޑީގައި ތިބެގެން... މާލީ ބަގާވާތެއް ގެންނަން މަސައްކަތް ކުރީ،
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް

ބީއެމްއެލްގެ އެ ނިންމުން ޝިޔާމް ސިފަ ކުރެއްވީ ދިވެހި ރައްޔިތުންގެ "ކަރުގައި" ހިފި ހިފުމެއްގެ ގޮތުގައެވެ. ބީއެމްއެލް އިން އެ ނިންމުން ނިންމިއިރު އިދިކޮޅު އެމްޑީޕީގެ ފަރާތުން ދިޔައީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުންނެވެ. އޭނާ ވަނީ އެއީ އިއްތިފާގެއް ނޫން ކަމަށް ވިދާޅުވެފައެވެ.

"އެއީ އިއްތިފާގެއް ނޫން. މިއީ އިންތިޒާމް ކުރެވިގެން މިއީ ރޭވިގެން ހިންގަން އުޅުނު ބަގާވާތެއް،" ޝިޔާމް ވިދާޅުވިއެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ހިކުމަތްތެރިކަން އެމްޑީޕީ އަށް ނޭނގުނު ކަމަށާއި އެމަނިކުފާނަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަންކުރައްވާ ކަންކަމާއި ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ ވެރިއެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.