ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް މިއަދުން ފެށިގެން ބޭނުން ނުކުރެވޭ ގޮތަށް އެ ބޭންކުން ނިންމީ އެކަން ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައި ވަނިކޮށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ބީއެމްއެލް އިން މިއަދު ވަނީ އެ ބޭންކުގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް މިއަދުން ފެށިގެން ބޭނުން ނުކުރެވޭ ގޮތް ހަދައިފިއެވެ.
ނަމަވެސް ބީއެމްއެލް އިން ނެރުނު ދެންނެވުމެއްގައި ފަހުން ބުނީ ބީއެމްއެލް އިން ދެންމެ ނެރުނު އެންގުމެއްގައިވާ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންގައިގެން މިއަދުގެ އެންގުން ވަނީ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
މިކަމާއި ގުޅޭ ގޮތުންނާއި ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ދަނީ ކުރިޔަށެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ބީއެމްއެލްގެ އެ ނިންމުމާއި ގުޅިގެން ރައީސް މުއިއްޒު ބީއެމްއެލްގެ ސީއީއޯއާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ކޯޕަރޭޓް ގަވާނަންސްގެ އުސޫލުން އެކަން ބަދަލު ކުރެއްވުމަށް ރައީސް އިރުޝާދު ދެއްވި ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ބީއެމްއެލްގެ އެ ނިންމުމުގެ ސަބަބުން، އެތައް ބަޔަކަށް ދަތިތަކާއި ކުރިމަތިވާނެ ކަމަށެވެ. އަދި އެއީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތް ނޫން ކަމަށެވެ.
"ބޭންކުގެ ސީއީއޯއާ ބައްދަލުކުރައްވާފައި ދިވެހި ކިޔަވާ ކުދިންނާ ދިވެހިރާއްޖޭގައި ކާޑު ބޭނުން ކުރާ ފަރާތްތަކަށް މި ލިމިޓޭޝަން ގެނައުމަކީ އަޅުގަނޑުމެން އެކަން ކުރަން ބޭނުންވާ ގޮތް ނޫންކަން ފާހަގަކޮށް....." ސައީދު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ބީއެމްއެލް އިން އަމަލުކުރި ގޮތުގެ ވާހަކަ ހިއްސާ ކުރައްވާފައެވެ. ވިދާޅުވީ ބީއެމްއެލް އިން އަމަލުކުރީ ސަރުކާރުން ލަފާ ދިން ގޮތަކަށް ނޫން ކަމަށެވެ.
"ބޭންކުން އޭރުގައި މަޝްވަރާ ކުރެވުނު ގޮތަކަށް ނޫން، ނުވަތަ އަޅުގަނޑުމެން ލަފާ އެރުވި ގޮތަކަށް ނޫން ކަންތައް ކުރައްވާފައި އޮތީ،" ޒަމީރު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ ބީއެމްއެލް އަށް ޑޮލަރުގެ ދަތިކަން އުޅޭކަން އެނގުމާއެކު ބީއެމްއެލްއާއެކު ސަރުކާރުން މަޝްވަރާތައް ދިޔައީ ކުރަމުން ކަމަށެވެ. އަދި ކޮންމެ މަޝްވަރާ ބައްދަލުވުމެއްގައި ވެސް "ރައްޔިތުންނަށް ދަތި ނުވާ ގޮތަށް ބޭންކުން އަޅާ ފިޔަވަޅުތައް އެޅުމަށް" އިރުޝާދު ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް ބީއެމްއެލް އިން އެ ނިންމުން ނިންމާފައި ވަނީ އެ ބޭންކަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން ދިޔަ ދަނޑިވަޅެއްގައި ކަމަށް ފާހަގަކުރެއްވިއެވެ.