"ފައިސާ ޗާޕުކޮށްގެން" ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި މުޅި އިގްތިސާދު ސަލާމަތް ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިލްތިމާސް ކުރައްވައިފިއެވެ.
މި ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރައްދު ދެއްވައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ފެންނަމުންދަނީ ކުރީ ސަރުކާރުން އިގްތިސާދު ހަމައަކަށް އެޅުވުމަށް ގެންގުޅުނު ސިޔާސަތުތަކަށް، މި ސަރުކާރުން އެނބުރި ދާތަން ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ތަނުގައި މި ސަރުކާރުން ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި އަތް ލާނެ ކަމަށާއި މި ސަރުކާރުން ފައިސާ ޗާޕުނުކޮށްފިނަމަ، އޭނާ ވަރަށް ހައިރާންވާނެ ކަމަށެވެ.
"އެއީ ރަނގަޅު ކުރު މުއްދަތުގެ ހައްލުތަކެއް. އެކަން ކުރުމަށް އިލްތިމާސްކުރަން. އޭގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ސަލާމަތްކޮށް، އެކަމުގެ ސަބަބުން މުޅި އިޤްތިޞާދު ސަލާމަތް ކުރެވޭނެ،" ފައިސާ ޗާޕު ކުރުމަށް ހިތްވަރު ދެއްވައި ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އިގްތިސާދު ހަމައަކަށް އެޅުވުމުގެ ގާބިލުކަމާއި ކުޅަދާނަ ކަމެއް މިނިސްޓަރު ސައީދުގެ ކިބައިގައި އަދި ސަރުކާރުގެ ފަރާތުން ވެސް ނުފެންނަ ކަމަށެވެ.
"ރައްޔިތުން ވެރިކަން ހަވާލުކުރީ ތިޔަ ވައުދުތަކަށް ބިނާކޮށް، ތިޔަ ބުނާ 'އެމްޑީޕީން މިސްމެނޭޖްޑް ކުރީ އިގްތިސާދު' މެނޭޖުކުރަން އެނގޭނެއޭ ބުނެގެން. އެކަމަކު މި ނުވަ މަސް ތެރޭގައި ވެސް ތި ދައްކަނީ ކުރީގެ ސަރުކާރުގެ ވާހަކަ. ފަސް އަހަރުގެ ދައުރު ނިންމާލާނީ ވެސް ތިހެން ކިޔާލަކިޔާލަ،" ފައްޔާޒު ވިދާޅުވެފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެންބަރުކަމުން އައިޝަތު ނޫރައްދީނަށް ވަކިކުރި މައްސަލާގައި ފައްޔާޒު "އެކްސް"ގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި މިނިސްޓަރު ސައީދު ވިދާޅުވީ މިނިސްޓަރު އެ ވާހަކަ ދެއްކުން ލަދުވެތި ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ނިޒާމް އެ ފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން ކަމަށް ސައީދު ވިދާޅުވިއެވެ.
"100އަހަރާއި ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް އިޤްތިޞާދު ވައްޓައިލި 5 އަހަރުގެ މިނިސްޓަރު މިވާހަކަ ދެއްކުން ލަދުވެތި. މުޅިނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން. ވަކި މީހަކަށްވުރެ ޤައުމުގެ މަސްލަޙަތު މާމުހިއްމު،" ސައީދު ވިދާޅުވިއެވެ.