މާލޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ކުރިޔަށް ގެންދިޔަ "ބިންވެރިޔާ" ސްކީމަކީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ގޮތުގައި ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ސިފަ ކުރައްވަވައިފިއެވެ.
ނިމިދިޔަ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބުނު ފަރާތްތަކާއި ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ދީފައިވާ ގޯތިތަކުގެ މައްސަލާގައި ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މުހައްމަދު ހާޒިރު ކުރެއްވިއެވެ. އެމަނިކުފާނާ ސުވާލުކުރެއްވީ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރެކެވެ.
އެމްޑީޕީގެ މެންބަރުން ކުރެއްވި ގިނަ ސުވާލުތަކަށް މިނިސްޓަރު ސީދާ ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ މިއަދުގެ ޖަލްސާގައި އެ މެންބަރުން ނުރުހުން ފާޅުކުރެއްވިއެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ހަތަރު މެންބަރެއްގެ ނަން މަޖިލީހުގެ ރިޔާސަތުން އިއްވިއެވެ.
އެ މައްސަލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މަޖިލީހުގެ ރިޔާސަތުން އަމަލުކުރި ގޮތާއި ގުޅޭ ގޮތުން ކަންބޮޑުވުންފާޅު ކުރެއްވިއެވެ.
ހަމައެއާއެކު ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން ވެސް ނޫސްވެރިންގެ ބައްދަލުވުމެއް އެ މައްސަލާގައި ބޭއްވިއެވެ. މިއަދު މެންދުރުފަހު މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވީ ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ "ބިންވެރިޔާ" ސްކީމަކީ ޒިންމާދާރު ކުޑަކޮށް ކުރިޔަށް ގެންގޮސްފައިވާ ސްކީމެއް ކަމަށެވެ.
"މިއީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތުގެ ގޮތުގައި އަޅުގަނޑު ސިފަކުރަނީ. ސަބަބަކީ ހުޅުމާލެއިން ދޫކޮށްފައި އޮތް، ހަދާފައި އޮތް ގޯތީގެ ލިސްޓަށް އެކަނިވެސް އެބައަރާ 5.4 ބިލިއަން ރުފިޔާ" ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ އެއްވެސް ހުސް ބިމެއް ނެތް ތަންތަނުން ކުރީ ސަރުކާރުން ގޯތިތައް ދީފައިވާ ކަމަށެވެ. އެ ސަރުކާރުން ހަމައެކަނި ކޮށްފައިވާ މަސައްކަތަކީ ބަޔެއްގެ ނަންތަކެއް ޖަހައިގެން ލިސްޓެއް ނެރުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ލިސްޓު ނެރުނުއިރު އެ ލިސްޓުގައިވާ މީހުންނަށް ގޯތި ލިބުނު ކަމަށްވާ ބުނާ ތަނުގައި އެންމެ ވެލިފުކެއް ވެސް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.