ރުޅުވެރިކަމާއި ނަފްރަތުގެ މާޒީ އިޔާދަވާން ދިވެހި ރައްޔިތުން މިއަދު ބޭނުން ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވިދާޅުވެއްޖެއެވެ.
ނާއިބު ރައީސް ހުސައިން މިފަދައިން ވިދާޅުވީ "ޕީއެންސީ ހައުސްގައި" މިރޭ ބޭއްވި "ހަރުގެ ޖަލްސާ"ގައި ވާހަކަ ދައްކަވަމުންނެވެ. މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމުގެ މަސައްކަތްތަކެއް ކުރެވިގެން ދިޔަ ކަމަށާއި ނަމަވެސް ދިވެހި ރައްޔިތުން އެކަމަށް ނޫނެކޭ ބުނެފައިވާ ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.
ނަފްރަތާއި ރުޅިވެރިކަން އުފައްދައިގެން ރާއްޖޭގެ ޒުވާން ޖީލެއް، ސިޔާސީ ލީޑަރުން ހަލާކު ކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެކަން ތަކުރާރުވާން ދިވެހި ރައްޔިތުން މިއަދު ބޭނުން ނުވާ ކަމަށް ހުސައިން ވިދާޅުވިއެވެ.
މީގެ ކުރީގެ ސިޔާސީ ލީޑަރުންގެ ފިކުރުތައް ދިވެހިންނަށް މިއަދު ކަމުނުދާ ކަމަށްވެސް ހުސައިން ފާހަގަކުރެއްވިއެވެ.
"އެ ލީޑަރުންނަށް ތާއީދުކޮށް އުފެދިފައިވާ ފިކުރުތަކުގައި ގެންގުޅެމުން އައީކީ މިއަދު ރައްޔިތުން ބޭނުންވި ކަންކަން ނޫންކަން ސާފުވެގެން އެބަދޭ މިދާ ކޮންމެ އިންތިހާބަކުން،" ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ހުސައިން ވިދާޅުވިއެވެ.
ރައްޔިތުން މިއަދު ބޭނުންވަނީ ސުލްހަކަން ފާހަގަކުރައްވަމުން ނާއިބު ރައީސް ވިދާޅުވީ އެ ސުލްހަވެރިކަމާއި އަމާންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރައްޔިތުންނަށް ގެނެސް ދެއްވާނެ ކަމަށެވެ. އެކަން ރައީސް މުއިއްޒުގެ ވެރިކަމުގެ ޒައާމަތުގައި ދައްކަވާނެ ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ދެވަނަ ދައުރަކަށް ވެރިއަކު އިންތިހާބު ކުރައްވާ ނަމަ ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަމަށް ދެވަނަ ދައުރަކަށް ރައްޔިތުން އިންތިހާބު ކުރައްވަވާނެ ކަމަށެވެ.