ކުރީގެ ރައީސް ޔާމީން ވެރިކަމުގައި ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ވިދާޅުވެ، ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެ ސަރުކާރުގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އޭރު ދެއްކެވި ވާހަކަތައް މިއަދު ގަބޫލުކުރެވޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހައުސްގައި ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ މިއަދު ޔާމީން އެންމެ އަރިސް ކޮށްގެން ގެންގުޅުއްވަމުން ގެންދަވާ ޖަމީލާ މަލީހަކީ އެންމެ ގިނައިން ޔާމީނާ ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި ދެ ބޭފުޅުން ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ދިވެހި ބޭންކު އެކައުންޓެއްގައި 300 މިލިއަން ދިވެހި ރުފިޔާ ހުރި ކަމަށް ތުހުމަތު ކުރެއްވީ ޖަމީލް ކަމަށް ފަލާހް ވިދާޅުވިއެވެ.
މީގެއިތުރުން ޔާމީންގެ ރާއްޖެ އިން ބޭރު ބޭންކް އެކައުންޓެއްގައި 300 މިލިއަން ޑޮލަރު ހުންނެވި ކަމަށް ތުހުމަތު ކުރައްވާ ވާހަކަދެއްކެވީ އޭރުގެ ޔޫތު މިނިސްޓަރު މަލީހް ކަމަށްވެސް ފަލާހް ވިދާޅުވިއެވެ. އެ ވާހަކަތަކަކީ ރައީސް ޔާމީނާއެކު މިވަގުތު އެންމެ އަރިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ދެ ބޭފުޅުން ދައްކަވާފައި ހުރި ވާހަކަތައް ކަމަށް ފަލާހް ފާހަގަކުރެއްވިއެވެ.
"އެހެންވީމާ މިހާ ހިސާބުން ފެށިގެން ޖަމީލް ދެއްކެވި [ޔާމީނާ ގުޅޭ ގޮތުން] ވާހަކަތަކަށް ކޮންމެވެސް ވަރެއްގެ ބާރުވެރިކަމެއް ލިބިއްޖެ އަޅުގަނޑުމެންނަށް،" ފަލާހް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅެއްގެ ބޭންކް އެކައުންޓުގައި 100 މިލިއަނުން 200 މިލިއަނުން ފައިސާ ހުރުމަކީ ރައްޔިތުން އެކަމާއި މެދު ސުވާލު އުފައްދާނެ ކަމެއް ކަމަށާއި އެހެންކަމުން ޖަމީލާ މަލީހް ދެއްކެވި ވާހަކަތައް މިއަދު ގަބޫލު ކުރެވޭ ކަމަށެވެ.
އެ ފައިސާ އަކީ ޔާމީންގެ ސިޔާސީ މަސައްކަތަށް އެކި ފަރާތްތަކުން ދެއްވާފައިވާ ފައިސާ ކަމަށް ޔާމީން ވިދާޅުވެފައިވާއިރު ސިޔާސީ މަސައްކަތް ކުރަން ދީފައި ހުންނަ ފައިސާތައް ހުންނަން ވާނީ ސިޔާސީ ޕާޓީގެ ބޭންކް އެކައުންޓުގައި ކަމަށް ފަލާހް ވިދާޅުވިއެވެ. އެއީ އެވަގުތު ހުންނަ ވެރިއެއްގެ އަމިއްލަފުޅު އެކައުންޓަށް ވަންނަން ޖެހޭ ފައިސާ އެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.