ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އާއި އިދިކޮޅު ޕީއެންއެފްގެ ބަހުގެ ހަމަލާތައް ހޫނުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ކުރީގެ ރައީސް ޔާމީނަށް ވަގަށް ގޮވައިފިއެވެ.

ރައީސް ޔާމީން ކުރިން އެންމެ އިތުބާރު ކުރެއްވި، އަބްދުއްރަހީމް އެހެން ވިދާޅުވީ "ޕީއެންސީ ހައުސްގައި" މިރޭ ބޭއްވި "ހަރުގެ ޖަލްސާ"ގައި ވާހަކަ ދައްކަވަމުންނެވެ. ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވި، އެ ޖަލްސާގައި އަބްދުއްރަހީމް ބަހުގެ ހަމަލާތައް މުޅިންހެން އަމާޒު ކުރެއްވީ ރައީސް ޔާމީނަށެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ރައީސް ޔާމީންގެ ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވުނީ އެމަނިކުފާނު ވައްކަން ކުރައްވާފައި ހުންނެވުމުން ކަމަށް އަބްދުއްރަހީމް މިރޭ ވިދާޅުވިއެވެ.

"ބުނީ ގެއަށް ވަންނާށޭ. ސިޔާސީ ކަންކަމުން ދުރަށް ދާށޭ. ވައްކަންކޮށްގެންނޭ ތި ހުރީ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އެކައުންޓުތަކުގައި އެއް ލައްކަ ރުފިޔާ ވެސް ނެތް ކަމަށާއި ނަމަވެސް ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު، އެކައުންޓުގައި 500 މިލިއަނުން ފައިސާ ހުރި ކަމަށެވެ.

"ކޮންތާކުން ހޯދި ފައިސާއެއްތޯ؟ އެ ފައިސާގެ ތަފްސީލު ރައްޔިތުންނަށް ދެއްވަންވީ ނޫންތޯ؟،" އަބްދުއްރަހީމް ވިދާޅުވިއެވެ.

"ކޯޓުގައި ވިދާޅުވީ ތިމަންނަގެ ސިޔާސީ މަސައްކަތަށް ލިބުނު ފައިސާއޭ. ބަލަ ސިޔާސީ ޕާޓީއެއް އޮތޭ. އެ ޕާޓީގެ އެކައުންޓުތައް ހުއްޓޭ. އެއަކަށް ނުވަދޭ އެއްވެސް ފައިސާއެއް،"

ރައީސް ޔާމީން ކޮންމެ ހަފްތާއަކު ދެ ރޭ ބާއްވަވާ "ޕީއެންއެފް ފުރޮންޓު ޖަލްސާ"ގައި އަބްދުއްރަހީމަށް ރައްދު ދެއްވާތީ އޭނާ މިރޭ ވިދާޅުވީ "ގުޅަދުރު ހަތައަށް އޮއްގާ ނުއުކު"މަށެވެ.

ރައީސް މުއިއްޒަށް ވެރިކަން ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށް ޕީއެންއެފުން ބުނަމުންދާތީ، އެކަމަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ހޯއްދެވީ ރައީސް ޔާމީންގެ "ގޮނޑި ވިއްކައިގެން" ނޫން ކަަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ ރައީސް މުއިއްޒަށް ދެއްވި އެއްޗެއް ކަމަށާއި އެއީ ރައީސް ޔާމީނަށް ދެއްވި އެއްޗެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނުކުތީ ހުސް ގޮނޑިއާ ނުލައި. ނުކުމެ، 75 ގޮނޑި މުއިއްޒަށް ރައްޔިތުން ދިނީ. ހުސް ގޮނޑި ހިފައިގެން ދުވި މީހުންނަށް 93 ގޮނޑީގެ ތެރެއިން އެންމެ ގޮނޑިއެއް ވެސް ނުދިން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ސިޔާސީ ހަޔާތުގެ 30 އަހަރު މަސައްކަތް ކުރެއްވީ ޔާމީނާ އެކުގައި ކަމަށާއި ނަމަވެސް އެމަނިކުފާނު ދެއްވީ "ލަގާ" ކަމަށް އަބްދުއްރަހީމް މިރޭ ވިދާޅުވިއެވެ. އެގޮތުން ޔާމީންގެ ވެރިކަމުގައި 18 ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް އޭނާ ނަން ޔާމީން ހުށަހެޅުއްވި ކަމަށާއި ނަމަވެސް އޭނާގެ ނަން ފެއިލްކޮށްލެއްވީ ވެސް ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެއީ ހިޔާނާތްތެރިންނަކީ. އެއީ މީހުންގެ ހިދުމަތުގެ އަގު ވަޒަން ކުރަން ނޭނގޭ މީހުންނަކީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.