ރާއްޖޭގެ އިގްތިދާސީ ހާލަތާ ގުޅިގެން، ދިވެހިންނަށް ދަތިހާލެއް ކުރިމަތިނުވާ ކަމަށާއި ސަރުކާރުން ކުރަމުން ގެންދަނީ އިސްލާހު ކުރުމުގެ ޕްރޮގްރާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ހަރަދު ކުޑަކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ކަންކަމަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ ގައުމު އިސްލާހު ކުރުމަށް ރައީސް ކުރިއަށް ގެންދަވާ ޕްރޮގްރާމްގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ކަމެއް އުނިވެގެން ނުދާނެ ކަމަށެވެ.
އިސްލާހީ ޕްރޮގްރާމްގެ ސަބަބުން އާސަންދައިން އުނިވާނެ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ސަރުކާރަށް ފާޑުކިޔަމުންދާ ފަރާތްތަކަށް އިޝާރާތް ކުރައްވައި، ސަލީމް ވިދާޅުވީ ސޯޝަލް މީޑިއާގެ ޖާލިލުކަން ބޮޑުވެފައިވާ ކަމަށާއި އެ ފާޑުކިޔުންތަކަށް ބެލުމެއް ނެތި، ސަރުކާރު ދާނީ ކުރިއަށް ކަމަށެވެ. ރައީސް މުއިއްޒުގެ އަރިހުގައި ގިނަ ބަޔަކު ތިއްބެވީ އެމަނިފާނުގެ ހުލްގު ހެޔޮވެފައި އަހުލާގު ރަނގަޅުވުމުން ކަމަށް ސަލީމް ވިދާޅުވިއެވެ.
އިސްލާމީ ތާރީހުގެ ވާހަކަތައް ކިޔައިދެއްވަމުން ސަލީމް ވިދާޅުވީ އަމިއްލަ އެދުމެއް އޮވެގެން، ވެރިމީހާއާ ބައިއަތު ހިފާ މީހާ ގިޔާމަތް ދުވަހު ރަހުމަތުގެ ބެއްލެވުމަކުން އެ މީހަކަށް މާތް ރަސްކަލާންގެ ނުބައްލަވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ވާގޮތަކީ ވެރިމީހާ އަޅުގަނޑުމެންނަށް ބޮޑު މަގާމެއް ދީފައި، އަޅުގަނޑުމެންނަށް ބޭނުންވާ ކޮންމެ ވެސް ނާޖައިޒު ފައިދާއެއް ނެގޭ ގޮތަށް ކަމެއް ކޮށްދީފިއްޔާ އެ މީހާއާ ދޭތެރޭގައި މީތި ތަފްސީލު ކުރަމުން އިލްމުވެރިން ގެނެސްފައި ހުރި ބަސްތައް މި ހުންނަނީ. ކަމެއްކޮށްދީފިއްޔާ ރައީސާ ދޭތެރޭގައި އަޅުގަނޑުމެން ހުންނާނީ ވަރަށް ރުހިފަ. އެކަމަކު އެކަންތައްތައް އަޅުގަނޑުމެންނަށް ނުކޮށްދީފިއްޔާ އަޅުގަނޑުމެން މި ޖެހެނީ ރައީސާ ފަހަތަށް. އޭރުގައި ހުންނަ ވެރިމީހާ ފަހަތަށް،" މާލިއްޔަތު ކޮމެޓީގެ މުގައްރިރުކަން ވެސް ކުރސައްވާ ސަލީމް ވިދާޅުވިއެވެ.
ރައީސް މުއިއްޒާ ބައިއަތު ހިފަން ވީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި އެމަނިކުފާނާ ބައިއަތު ހިފަންވީ ދިވެހި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކަމަށް ސަލީމް ވިދާޅުވިއެވެ.
"އިންސާނުން ވެއްޖެއްޔާ އަމިއްލަ އެދުން އޮންނާނެ. ނެތް ބައެއް ނުވެސް ހުންނާނެ. އެހެންނަމަވެސް އެކަން އޮންނަންޖެހޭނީ ވަކި މިންވަރެއްގައި. ވަކި ކޮންޓްރޯލެއްގައި. އެއީ މި ގައުމަށް ކެތްވާވަރަށް. ރައީސުލްޖުމްހޫރިއްޔާއަށް ވެސް ކެތްވާ ވަރަށް،"
ރައީސަށް ތައުރީފު ކުރައްވައި ސަލީމް ވިދާޅުވީ ރައީސް ގައުމު ދެކެ ލޯބިވާކަން އެނގެީ އެމަނިކުފާނު ދީން ދެކެ ލޯބިވާތީ ކަމަށާއި ފަރުޟު ފަސް ނަމާދު ކުރައްވާތީ ކަމަށެވެ.