އެކިއެކި ސަރުކާރުތަކުން ދައުލަތަށް ނުހޯދައިހުރި 13 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ ޓެކްސް ކުންފުނިތަކާއި މީހުންގެ އަތުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަމާޒު ހިއްޕަވައިފިއެވެ.
އެ ފައިސާ ލިބިއްޖެނަމަ، ޤައުމުގެ ދަރަނީގެ މައްސަލަ ޙައްލުވީ ކަމަށް ރައީސް ވިދާޅުވީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައެވެ.
ރައީސް ވިދާޅުވި 13 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ލޭންޑް ރެންޓު ނުވަތަ ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 513 މިލިއަން އެމެރިކާ ޑޮލަރު، (7.9 ބިލިއަން ރުފިޔާ) އާއި ޓީ.ޖީ.އެސް.ޓިގެ ގޮތުގައި ލިބެންޖެހޭ 102 މިލިއަން އެމެރިކާ ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި ޖީ.އެސް.ޓީ ގޮތުގައި ލިބެންޖެހޭ 3.3 ބިލިއަން ރުފިޔާ އާއި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އެވެ.
އުއްތަމަ ފަނޑިޔާރާއި، ވަޒީރުންނާއި، ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ޚަރަދުކޮށްފައި ވާނީ ފައިސާ ޗާޕުނުކޮށް، ހަމައެކަނި ދައުލަތަށް ލިބުނު އާމުދަނީން ކަމަށެވެ.
މި ދިޔަ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހޯދިއްޖެކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފައިސާއިން ދައުލަތް ހިންގުމަށް ޚަރަދުކޮށް އަދި އެހެން ފަރާތްތަކަށް ދަރާފައިވާ ދަރަނިތައް ދެއްކުމަށް ވެސް ހޭދަކޮށްފައިވާނެ ކަމަށެވެ. އަދި މިހާތަނަށް ދައްކަން ޖެހުނު އެއްވެސް ދަރަންޏެއް ނުދެއްކި ޑިފޯލްޓްވެފައި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރަށް އާމުދަނީ އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވަނީ ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ހާމަކުރައްވާފައެވެ. އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ހިންގުން ހަރުދަނާ ކުރުމަށް ކުރައްވަމުންދާ ކަންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މިފްކޯ ހަރުދަނާ ކުރައްވާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ އެންމެ ރަނގަޅު ފެންވަރަށް ކަމަށެވެ.
ފަރުދުންގެ އާމުދަނީ އިތުރުކުރުމަށް ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެކަން ފާހަގަކުރައްވައި ރައީސް ވަނީ އަންހެން ކަނބަލުންނަށް ޚާއްޞަ ލޯނުތައް ތަޢާރަފު ކުރައްވާނެ ކަމަށާއި، އުފެއްދުންތެރިން އުފައްދާ ތަކެތި ބައިނަލްއަޤްވާމީ ބާޒާރަށް ވިއްކޭނެ ޒަމާނީ އަދި ފަސޭހަ މަގުތައް ތަނަވަސް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ މިނިވަންކަން ހަޤީޤީ މާނާގައި ލިބެނީ މައިގަނޑު ތިންކަމެއް ހާސިލްވުމުން ކަމަށެވެ. އެ ތިންކަމަކީ އިޤްތިޞާދީ ސިޔާދަތު، އަމިއްލަވަންތަކަމުގެ ސިޔާދަތު، އަދި ސަލާމަތީ ނުވަތަ ދިފާޢީ ސިޔާދަތު ޔަޤީންވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިތިން ކަންތައް ހާސިލުކުރުމަށް މި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތައް އެމަނިކުފާނު ވަރަށް ތަފުޞީލީގޮތެއްގައި މިރޭގެ ވާހަކަފުޅުގައި ރައްޔިތުންނާ ޙިއްޞާކުރެއްވިއެވެ.