ވަކިވަކި ޖަމާޢަތްތަކެއްގެ ގޮތުގައި ޙަރަކާތްތެރި ވަމުންދިޔަ ފަލަސްޠީނުގެ 14 ޖަމާޢަތެއް ޗައިނާގެ މަސައްކަތުން މިއަދު އެއްގަލަށް އަރައިފިއެވެ.

މީގެ ތެރޭގައި ހަމާސް އަދި ފަތަހު ޖަމާޢަތް ހިމެނެއެވެ. ވޭތުވެދިޔަ ތިން ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގ ގައި މި 14 ޖަމާޢަތުގެ މަންދޫބުން ބައްދަލު ކުރުމަށްފަހު މިއަދު ވަނީ ފަލަސްޠީނުގެ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް އެއްބަސްވެ، އަހުދު ކަށަވަރު ކޮށްފައެވެ.

މިއެއްބަސްވުން ޤާއިމްވި އިރު އިޒްރޭލުން ވަނީ މިހާރު ޣާޒާގައި ހިގަމުންދާ ހަނގުރާމަ ހުއްޓުމަށްފަހު ޣާޒާގައި ހަމާސްގެ އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށް ބުނެފައެވެ. ފަލަސްޠީނުގެ ޖަމާޢަތްތަކުގެ މެދުގައި ޚާއްޞަކޮށް ހަމާސް އަދި ފަތަހަ ޖަމާޢަތުގެ މެދުގައި ދެކޮޅުވެރިކަން އުފެދުނީ 2007 ވަނައަހަރު ޣާޒާގެ ކަންކަން ބެލެހެއްޓުމުގެ ހަމައެކަނި ފަރާތަކީ ހަމާސް ކަމުގައި ވެގެންދިޔަ ހިސާބުންނެވެ. އެދުވަހުން ފެށިގެން ފަތަހު ކޮންޓްރޯލް ކުރަމުން އަންނަ ޕީއެލްއޯ ޖަމާޢަތުގެ ބާރުގެ ދަށުގައި އޮތީ ވެސްޓްބޭންކް ޞަރަޙައްދު އެކަންޏެވެ.

ހަމާސްއަށް ޣާޒާގެ ކޮންޓްރޯލް ގެއްލުނީ 07 އޮކްޓޯބަރ 2023ގައި އިޒްރޭލާ ދެކޮޅަށް ކުއްލިއަކަށް ދިން އުދުވާނުގެ ހަމާލާއިންނެވެ.

މިހަމަލާގައި އިޒްރޭލުގެ 1200 މީހުން މަރުވެ، އިޒްރޭލުގެ 251 މީހުން ރަހީނުންގެ ގޮތުގައި ހަމާސްގެ މީހުން ޣާޒާއަށް ގެންދިޔައެވެ.

އެ ދުވަހުން ފެށިގެން މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްޠީނުގެ ގާތްގަނޑަކަށް ސާޅީސްހާސް މީހުން މަރުވެއްޖެއެވެ.

ހަމާސްގެ ތަރުޖަމާނު ހޮސަމް ބަދުރާންގެ ސްޓޭޓްމަންޓްގައި ބުނެފައި ވަނީ މިއަދު ވެވުނު އެއްބަސްވުމަކީ ފަލަސްޠީނުގެ މީހުންނަށް ލިބުނު ކާމިޔާބީއެކެވެ. އެއީ އެއްބައިވަންތަ ސަރުކާރެއް ޤާއިމްކުރުމަށް މަގުފަހި ވީމައެވެ. އެނާ ބަޔާން ކުރިގޮތުގައި މިއެއްބަސްވުމުގައި ޣާޒާ ހަނގުރާމަ ހުއްޓުމަށް ފަހުގައި އަލުން ޣާޒާ އިމާރާތްކޮށް އާބާދުވުމުގެ މައްޗަށް އެއްބަސްވެވުނުކަންވެސް ފާހަގަކުރިއެވެ. އަނެއްކޮޅުން މިއެއްބަސްވުމުގެ ދަށުން ވެސްޓްބޭންކް އަދި ޣާޒާގައި ފަލަސްޠީނުގެ މީހުނަށް އެބައިމީހުންގެ ޙައްޤުތައް ކަށަވަރުވެ އެއްބައިވަންތަ ބައެއްގެ ގޮތުގައި އުޅުމުގެ ފުރުޞަތު ފަހިވެގެން ދިޔަކަންވެސް އަލިއަޅުވާލާފައި ވެއެވެ.

ފަތަހަ ޖަމާޢަތުން މިއަދު ވެވުނު އެއްބަސްވުމާމެދު ބަޔާން ނުނެރުނަސް ޗައިނާ މެދުވެރިވެގެން ފަލަސްޠީނުގެ ޖަމާޢަތްތަކުގެ މެދުގައި ޞުލްޙަ ޤާއިމް ކުރެވުނީތީ ޗައިނާ ސަރުކާރަށް ފަތަހަ ޖަމާއަތުން ކަނޑައަޅުއްވާފައިވާ މަންދޫބު މަޙްމޫދު އަލް-އަލޫލް ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ހިނގަމުބްދާ ޣާޒާގެ އުދުވާނު ނިމުމަމަކަށް އަންނައިރު ހަމާސް ނައްތާލާނެ ކަމަށް ބުނަމުން އަންނަ އިޒްރޭލުން މިއެއްބަސްވުމަކީ އެހާކަންބޮނޑު ވާކަމެއް ނޫންކަމަށް ބުންޏެވެ.

މިއަހަރުގެ އޭޕްރީލްގައި ހަމާސް އަދި ފަތަހަ ޖަމާޢަތުގެ މެދުގައި ޞުލްޙަ ޤާއިމް ކުރުމަށް ޗައިނާ އިން ފެށި މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން މިއަދު މިއްބަސްވުމުގައި ބެއިޖިންގ ގައި ސޮއި ކުރެވުނީއެވެ. ޗައިނާގެ ޚާރިޖީ ވަޒިރު ޔަންގ ވީ ވިދާޅުވިގޮތުގައި މިހާރު ހިނގަމުން އަންނަ ޣާޒާގެ ހަނގުރާމަ ނިމުމަކަށް އައުމަށްފަހު ފަލަސްޠީނުގެ އެންމެން ޞުލްޙަވެރިކަމާއެކު އުޅުމަކީ އެބައިމީހުންގެ ދާޚިލީކަމެއް ކަމުގައެވެ. އެނާ އަލިއަޅުވާލެއްވީ ޣާޒާ ހަނގުރާމަ އަށްފަހު 03 ހަރުފަތުގެ ޕްލޭން އެކެވެ. އެއީ: ދިގުދެމިގެންވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ؛ ފަލަސްޠީނު މީހުން ފަލަސްޠީނު ހިންގުމުގެ އަސާސް އަދި މެދުއިރުމަތީގައި ޞުލްޙަވެރިކަމާއެކު އުޅުމަށް ދެ ޤައުމު (ފަލަސްޠީނު އަދި އިޒްރޭލު) އޮތުމުގެ މުހިންމު ކަމެވެ.

ދާދި އިހަށް ދުވަހު ޗައިނާގެ ރައިސް ޒީ ވަނީ، ޗައިނާގެ އިސް ޑިޕްލޮމެޓުން މެދުއިރުމަތީގެ ލީޑަރުންނާ މަޝްވަރާ ކުރުމަށް މެދު އިރުމައްޗަށް ފޮނުވާފައެވެ. އެއީ މެދުއިރުމަތީގެ ޤައުމުތަކުގެ ވެރިންގެ ސަމިޓެއް ބެއިޖިންގގައި ބޭއްވުމަށް މަސައްކަތް ކުރައްވަމުން ދާ ދިޔުމުގެ ބޮޅެއްގެ ގޮތުން ގޮތުންނެވެ. މީގެ ކުރިން ޗައިނާ މެދުވެރިވެގެން 2023 ވަނަ އަހަރު ވަނީ ސައުދީ އެރެބިއާ އަދި އީރާންވެސް ގުޅުން އަލުން ޤާއިމް ކޮށްފަކަން ފާހަގަ ކުރާން ޖެހެއެވެ.