ރަސްމާލެ މަޝްރޫޢުގެ ދަށުން އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްފައިވާ ބިމުގެ ކުއްޔަށް ދިނުމުގެ ޝަރުޠުތަކަށް ބަލާއިރު، ދިވެހިންގެ ބިން ދާއިމީކޮށް ދޫކޮށްލަނީ ކަމަށް ފެންނަ ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފައްޔާޒު މިއަދު އިނގިރޭސީ ބަހުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދޫކޮށްފައިވަނީ ދިވެހި ރައްޔިތުންނަށް އެކަމުގެ އެއްވެސް ތަފްޞީލެއް އަދި ޝަރުޠުތަކެއް ހާމަކުރުމެއް ނެތި ކަމަށެވެ.

ބިން ދާއިމީކޮށް ދޫކޮށްލުމުގެ ކަންބޮޑުވުން

ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި އަބޫދާބީގެ 'ދަ ނޭޝަނަލް' ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން، އީގަލް ހިލްސްއިން ބުނެފައިވަނީ ޕްރޮޕަޓީތައް 99 އަހަރާ ހަމައަށް ލީސްހޯލްޑް އުސޫލުން ދޫކުރެވޭނެ ކަމަށާއި، ވިއްކުމުގެ ސަބަބުން ނުވަތަ ވާރުތަވުމުގެ ސަބަބުން މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އަލުން 99 އަހަރާ ހަމައަށް އައު މުއްދަތެއް ފެށޭނެ ކަމަށެވެ. މީގެ މާނައަކީ ޕްރޮޕަޓީއެއް އެކަކު އަތުން އަނެކަކު އަތަށް ބަދަލުވަމުންދާހާ ހިނދަކު، ކުއްޔަށް ދޫކޮށްފައިވާ ބިން ދިވެހިންގެ ބާރުގެ ދަށުން މުއްދަތެއް ނެތް ގޮތަށް ބޭރުވެ، ޙަޤީޤަތުގައި މިއީ މިލްކުކޮށްދޭ (ފްރީހޯލްޑް) އެއްބަސްވުމަކަށް ބަދަލުވެގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީޑިއާތަކުންނާއި އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް އެދެމުންދިޔަ ނަމަވެސް، ސޮއިކުރި އެއްބަސްވުމުގައި އެފަދަ ކަމެއް އޮތްކަން ނުވަތަ ނޫންކަން ސަރުކާރުން މިހާތަނަށް ކަށަވަރުކޮށްދީފައި ނުވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެއްވެސް ހުރަހެއް ނެތި އެ ބިން ދައުލަތަށް އަނބުރާ ލިބޭނީ ކޮން ހާލަތްތަކެއްގައި ކަންވެސް ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރަސްމާލެއިން ދޫކުރި 500 ހެކްޓަރުގެ ބިމުގެ މިނިވަން ވެލުއޭޝަނެއް ޝާއިޢުކޮށްފައި ނުވާތީ، ދައުލަތުން ދޫކޮށްލި މިންވަރާ އެއްވަރުގެ އަގެއް ލިބިފައިވޭތޯ ކަނޑަނޭޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރުން މިހާރަށް ކުރަންޖެހޭ ފަސް ކަންތައް

ފައްޔާޒު ވަނީ ރަސްމާލެ އެއްބަސްވުމާ ގުޅިގެން ސަރުކާރުން މިހާރުން މިހާރަށް ފަސް ކަމެއް ކުރުމަށް ގޮވާލައްވާފައެވެ.

  • ސަރުކާރުން މި އެއްބަސްވުން ފުރިހަމައަށް ޢާންމުކުރުން
  • މި އެއްބަސްވުމުގެ ސަބަބުން ބިން މިލްކުކުރުމުގެ (ފްރީހޯލްޑް) ފުރުޞަތު ލިބިގެންދާނެތޯ ސާފުކޮށްދިނުމާއި، ރެސިޑެންސީ އަދި ރައްޔިތުކަމާ ގުޅޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދާރީވުން.
  • ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ފަރމެއް މެދުވެރިކޮށް 500 ހެކްޓަރުގެ މިނިވަން ވެލުއޭޝަނެއް ހަދައި، އެ ރިޕޯޓް ޢާންމުކުރުން.
  • ރާއްޖެއަށް ކުޑަ މަންފާއެއް ލިބޭގޮތަށް މި އެއްބަސްވުން ޤަބޫލުކުރި ސަބަބު ސާފުކޮށްދިނުން.
  • މި މުޢާމަލާތާ ގުޅޭ އެންމެހައި ތަފްޞީލުތައް ރައްޔިތުންނަށް ފުރިހަމައަށް ހާމަނުކޮށް، އެކަމާ ގުޅޭ އެއްވެސް ޤާނޫނެއް މަޖިލީހަށް ހުށަނޭޅުން.

އެމްޑީޕީން އަބަދުވެސް ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިޔާކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ، ދިވެހި ރައްޔިތުން އެދެނީ ދޫކޮށްލެވެނީ ކޮން އެއްޗެއްކަމާއި، ކޮން ޝަރުތުތަކެއްގެ ދަށުން، ކިހާ މުއްދަތަކަށްކަން އަދި އޭގެ ބަދަލުގައި ޤައުމަށް ލިބެނީ ކޮން އެއްޗެއްކަން ދެފުށް ފެންނަ ގޮތެއްގައި އެނގުން ކަމަށެވެ. އަދި މިކަންކަން ސާފުނުވެއްޖެނަމަ ރަސްމާލެއިން ލިބޭ މަންފާ ޑިވެލޮޕަރަށް ލިބި، އޭގެ ބުރަ އުފުލަންޖެހޭނީ އަންނަން އޮތް ޖީލުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.