ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެދުނު 100 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މެލޭޝިއާއިން އެއްބަސްވެފައިވާކަން އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު އިއުލާނުކުރައްވައިފިއެވެ.
މިކަން މެލޭޝިއާގެ ބޮޑުވަޒީރު ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ބަޔާނުގައެވެ.
އަންވަރު ވިދާޅުވި ގޮތުގައި، މި 100 މިލިއަން ޑޮލަރުގެ ފެސިލިޓީއަށް އެދިވަޑައިގެން މެލޭޝިއާގެ ސެންޓްރަލް ބޭންކް ކަމުގައިވާ ބޭންކް ނެގާރާ މެލޭޝިއާއަށް ރައީސް ޑރ. މުޢިއްޒު ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ ގާތް އެކުވެރިކަމާއި އިތުބާރުގެ ސަބަބުން މި އެހީ ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"މި އެހީތެރިކަން ފޯރުކޮށްދިނުމަށް އުސޫލެއްގެ ގޮތުން އަޅުގަނޑުމެން މިހާރު ވާނީ އެއްބަސްވެފައި. މި މުއާމަލާތް ވީހާވެސް އަވަހަކަށް ފުރިހަމަކުރުމަށްޓަކައި ދެ ގައުމުގެ މަރުކަޒީ ބޭންކުތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ. މިއީ ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމާއި އިތުބާރުގެ މައްޗަށް ބިނާކޮށް ކުރެވޭ ކަމެއް،" ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި އެއްބަސްވުމުގެ ކަންކަން އެންމެ ހަލުވި ދުވެލީގައި ނިންމުމަށްޓަކައި ބޭންކް ނެގާރާ މެލޭޝިއާ އާއި އެމްއެމްއޭއިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އަވަސްކުރުމަށް އެއްބަސްވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެނިހެން ދާއިރާތަކުން ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމުގެ ގޮތުން، މި އަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް ކުއާލަލަމްޕޫރުގައި ބޭއްވުމަށާއި، މެލޭޝިއާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ކުދިންގެ ބެލެނިވެރިންގެ ވިސާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށާއި، ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް އަންވަރު ވިދާޅުވިއެވެ.
ހަމައެއާއެކު، ރާއްޖޭގެ ސަރަހައްދުގައި ތެލާއި މައުދަން ހޯދުމުގެ ދިރާސާތައް ހިންގުމަށް މެލޭޝިއާގެ ޕެޓްރޯނަސް ކުންފުނީގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގެންފައިވާތީ، އެ ކުންފުންޏާއެކު އެކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ފަލަސްތީނުގެ ހައްގުގައި ދެ ގައުމުން ގެންގުޅޭ ސިޔާސަތު އެއްގޮތްކަން ފާހަގަކުރައްވައި، ޣައްޒާގެ ރައްޔިތުންނާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުތަކަށް ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ސާބަސް ދެއްވާފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން