މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓު، އަދި ޓެކްސީ ޑްރައިވަރުންގެ ހައްގުގައި ވަކާލާތު ކުރަމުންދާ މުހައްމަދު ޝާމިން ބަންދުގައި ބެހެއްޓިތާ 14 ދުވަސް ފަހުން މިއަދު ބަންދުން ދޫކޮށްލައިފިއެވެ.
އޭނާ ދޫކޮށްލާފައި ވަނީ ޕާސްޕޯޓް ހިފަހައްޓައި، މާލެއިން ބޭރަށް ފުރައިގެން ނުދެވޭނެ ގޮތަށެވެ.
ޝާމިން ބަންދުން ދޫކޮށްލުމަށް ކޯޓުން މިއަދު ކުރި އަމުރުގައި ވަނީ ޝާމިންގެ މައްޗަށް ކުރެވިފައި ވަނީ ޖިނާއީ ބޮޑު ތުހުމަތަކަށް ނުވުމާއި އޭނާގެ އަމަލަކުން މުދަލަކަށް، ފުލުހަކަށް ޖިސްމާނީ އަނިޔާއެއްވެފައި ނުވާކަން ހުށަހެޅިފައިވާ ކަންކަމުން ސާފުވާ ކަމަށެވެ.
މި މަހުގެ 8 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރުމަށްފަހު، ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކުރިއެވެ. އެގޮތުން ފުރަތަމަ ފަހަރު 10 ދުވަސް އަދި ދެވަނަ ފަހަރަށް 3 ދުވަސް ބަންދަށް ޖަހާފައިވެއެވެ.
ޝާމިންގެ މައްޗަށް ތުހުމަތު ކުރެވެނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ކުރިމަތިން ފެށި މުޒާހަރާގައި ފުލުހުން ޖަހާފައިވާ ބެރިކޭޑުތައް ދުރަށް ޖެއްސި ކަމަށާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށެވެ. ނަމަވެސް، ބެރިކޭޑުތައް ހުރަސްކޮށް ބަންދުކޮށްފައިވާ ސަރަހައްދަކަށް އޭނާ ވަދެފައެއް ނުވެއެވެ. ޝާމިން މަޑުކޮށްގެން ހުރީ ފުލުހުންގެ ސަފުގެ ކުރިމަތީގައި ކަމަށާއި ފުލުހުންގެ ސަފު ފޫއަޅުވާލައި އެތެރެއަށް ވަދެފައި ނުވާކަން ވަނީ އެނގިފައެވެ.
ކޯޓު އަމުރުގައި ބުނެފައި ވަނީ ޝާމިންއަށް ކުރާ ތުހުމަތުތަކުގައި މިވަގުތު ނުނިމި ވަނީ ހަމައެކަނި ސީސީޓިވީ ފޫޓޭޖު އެނަލައިސްކުރުން ކަމަށެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން މާލޭގައި މުޒާހަރާ ކުރަން ފަށާފައިވަނީ ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ މައްސަލައާއި، ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތަށް ހެދި ގަވާއިދާ ދެކޮޅަށާއި، ރަށްރަށުގެ ބާރުތައް މާލެއަށް ޖަމާކުރުމާ ދެކޮޅަށެވެ. އެމްޑީޕީގެ އާންމު މެމްބަރުން އިސްނަގައިގެން ކުރިއަށްގެންދާ މި މުޒާހަރާތަކަށް އިތުރު ބާރެއް ލިބިގެންދިޔައީ ސިލްސިލާ ސީދާ ހަރަކާތްތައް ފެށުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ހޯމަ ދުވަހު ފާސްކުރުމާ ގުޅިގެންނެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން