ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީން ހޯދި ބޮޑު ކާމިޔާބަށްފަހު ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގައި ވެސް ސަރުކާރަށް ލިބުނީ ބޮޑު ކާމިޔާބީ އެކެވެ. އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑި އާއި ހދ. ކުޅުދުއްފުށީ ކައުންސިލްގެ ގޮނޑިއެއްގެ އިތުރުން އިތުރު ދެ ކައުންސިލެއްގެ ގޮނޑި ވެސް ޕީއެންސީން ކާމިޔާބު ކުރިއިރު, އިދިކޮޅު އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ނުވެ, ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާ އެވެ.

ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ސަރުކާރުން ފާހަގަ ކުރަމުން ދާއިރު, އިންތިހާބުގެ ނުފެންނަ ފަރާތުގައި އޮތީ އެހެން މަންޒަރެކެވެ. ސަރުކާރާއި ޕީއެންސީން ބޮޑު އިސްކަމެއް ދީގެން ސަރުކާރުގެ އިސް ބޭފުޅުން ކެމްޕެއިން ކުރެއްވި މި އިންތިހާބުގައި ވޯޓުލީ އެންމެ 27 ޕަސެންޓް މީހުންނެވެ. އެގޮތުން މި ބައި އިލެކްޝަންގައި 13,000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު އޮތްއިރު, ވޯޓުލީ އެންމެ 3,500 މީހުންނެވެ. ބާކީ 9,500 މީހުން ވޯޓެއް ނުލަ އެވެ. މިއީ ރާއްޖޭގައި އެންމެ މަދުން މީހުން ވޯޓުލި އެއް އިންތިހާބެވެ.

އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނީ 2,100 މީހުންނެވެ. އެއީ އެންމެ 16 ޕަސެންޓް ވޯޓެވެ. އެމްޑީޕީއަށް ލިބުނީ އެންމެ އަށް ޕަސެންޓު ވޯޓެވެ. އެހެންވީއިރު, މިއީ ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބެއްތޯ ނުވަތަ ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވާ ގޮތަށް, ސަރުކާރުގެ ތާއީދު އިތުރުވާކަން މިނެކިރާލަން އެންމެ ރަނގަޅު ނަތީޖާތޯ އެބަ ސުވާލު އުފެދެއެވެ.

އިންތިހާބުގެ ނަތީޖާއަށްފަހު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް ފާޅުކުރީ ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދު ކަމެވެ. އެއް ބަޔަކު ބުނި ގޮތުގައި އެކަމުން ހާމަވަނީ ރާއްޖޭގައި ޑިމޮކްރަޓިކް އުސޫލުން ކަންކަން ނިންމުމުގައި ރައްޔިތުންގެ ޝައުގުވެރިކަން ގެއްލެމުންދާ މިންވަރެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑެ) "އެކްސް"ގައި ވިދާޅުވީ ވޯޓުލާން ނުކުން މީހުންގެ އަދަދުން ކަންބޮޑުވާންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"މި ތަފާސްހިސާބުތަކުން އެނގެނީ ސިޔާސީ މީހުންނާ މެދު ރައްޔިތުންގެ އިތުބާރެއް ނެތްކަން." އެކަކު ލިޔެފައިވެ އެވެ.

ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ލިޔުއްވާފައިވަނީ މަގާމުތަކަށް އައުމަށްފަހު ވައުދުތައް ހަނދާން ނެތުމަކީ ރައްޔިތުން ވޯޓުލުމުގެ ހައްގާ މެދު މާޔޫސްވަމުންދާ އެއް ސަބަބެވެ. އެގޮތަށް ވިދާޅުވެ, އޭނާގެ ބަހުގެ ހަމަލާތައް އަމާޒު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ. "ރާއްޖޭގެ ޑިމޮކްރަސީ މަތިން ރައްޔިތުން މާޔޫސްވާ މަންޒަރު އެބަ ފެނޭ." މަލީހް ލިޔުއްވާފައިވެ އެވެ.

އެއް ބަޔަކު ބުނިގޮތުގައި މިކަމުން އެނގެނީ ސަރުކާރަށް ތާއީދުކުރާ މީހުންގެ އަދަދު މަދުވި ނަމަވެސް ވަރުގަދަ އިދިކޮޅު ޕާޓީއެއް ނެތްކަމުގެ އިހްސާސެވެ.

"ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތްކަމުގެ އިހްސާސް ކުރެވެނީ." އެކަކު ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

ބައި އިލެކްޝަންގައި އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބާ ގުޅިގެން އެ ޕާޓީގެ ލީޑާޝިޕަށް ވެސް ބަހުގެ ހަމަލާތައް ބައެއް މީހުން އަމާޒުކުރި އެވެ. އެގޮތުން ޕާޓީގެ ލީޑާޝިޕްގެ ފަރާތުން ކެމްޕެއިންގައި ބައިވެރިނުވުމާއި އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު ޕާޓީގެ ލީޑާޝިޕް މާލޭގައި ނެތް މައްސަލާގައި ބައެއް މީހުން ފާޑު ކިޔާފައިވެ އެވެ.

ރާއްޖޭގެ އިންތިހާބުތަކާ މެދު ރައްޔިތުންގެ ބައިވެރިވުން ދުވަހަކަށް ވުރެ ދުވަހެއް ކުޑަވަމުންދާ މަންޒަރު ފެނުމަކީ ގައުމީ ފެންވަރުގައި ވިސްނާލަންޖެހޭ މުހިންމު މައްސަލަ އެކެވެ.