ވޭތުވެދިޔަ ދުވަސްތަކުގައި ދަރަނީގެ ގޮތުގައި 13 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރު އުފެއްދި ދަ ޑިމޮކްރެޓްސް އާއި އަދި މިހާރުގެ އިދިކޮޅު ޕާޓީ އެމްޑީޕީން ހަރުގެ ހިންގި ތަން ޕީއެންސީގެ ހަރުގެ ގޮތުގައި ހަމަޖައްސައި އެތަން މިރޭ ވަނީ ހުޅުވައިފައެވެ. އެތަން ހުޅުވައި ދެއްވީ ރައީސް މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް އައުމަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ވައުދަކީ ފައިސާ ޗާޕު ކުރުން ހުއްޓާލުން ކަމަށެވެ. ފައިސާ ޗާޕު ކުރުން ހުއްޓާލުމުން ދުނިޔޭގެ މާލީ އިދާރާތަކާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުން އެކަން ވަރަށް ބޮޑަށް ފާހަގަކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި އެކަން އެގޮތަށް ކުރެއްވުމަކީ އެމަނިކުފާނަށް ފަސޭހަފުޅުވި ކަމެއް ނޫނެވެ. އަދި ވަކިން ހާއްސަކޮށް އޭރު މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ ނެތި، ފައިސާ ޗާޕު ކުރުން ހުއްޓާލުން ވެގެން ދިޔައީ ދަތި އުނދަގޫ ނިންމުމަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ހަތް މަހާއި ފަސް ދުވަސް ތެރޭގައި ކުރީ ސަރުކާރުން، އަޅުގަނޑު މަޖިލިސް އިންތިހާބުގައި ވަރަށް ގިނައިން ދައްކަމުން ދިޔަ ވާހަކައެއް މިއީ 9 ބިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ދައްކަން ހުއްޓޭ. އެ 9 ބިލިއަން ރުފިޔާގެ ތެރެއިން މި ދެންނެވި ފައިސާ ޗާޕު ކުރުން ހުއްޓާލާ އަދި މި ދެންނެވި ގޮތަށް ބޮޑެތި އިންޓްރެސްޓު ރޭޓުގައި ބޮޑެތި ލޯނުތައް ނުނަގާ އަޅުގަނޑުމެން 4،000 މިލިއަން ރުފިޔާ... ހަތަރު ބިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ދައްކައިފިން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭރުގެ ލޯނުތަކަށް ވެސް 2.7 ބިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ހަގީގަތަކީ އިދިކޮޅު ފަރާތްތަކުން "ފޮރުވަން" ބޭނުންވާ ހަގީގަތެއް ކަމަށެވެ. ނަމަވެސް މި ސަރުކާރަކީ ދޮގު ހަދާ އޮޅުވާލާނެ ސަރުކާރެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނާ ވާހަކަދައްކާނީ "ތެދު ބަހުން" ކަމަށެވެ.

ތަފްސީލް އަންނަނީ.....