ނިއު ރޭޑިއަންޓުގެ ހިދުމަތްތެރިޔާ މ. ދޯޅަނބުގެ، އަހުމަދު ޖަލީލު މޫސާ (ޖައްލެ)، 64، ކުއްލި ގޮތަނަށް ނިޔާވީ ހދ. ހަނިމާދޫގައެވެ. ހަބަރެއް ނުވެގެން، މިއަދު ބެލިއިރު ޖަލީލު އޮތީ އެނދުމަތީގައި ހަރަކާތް ހުއްޓިފައެވެ. ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ. އޭނާ ކޮޓަރިއަށް ވަނީ ރޭގެ ވަގުތެއްގައެވެ.

ޖަލީލުގެ ކުއްލި ވަކިވެދިއުމާ އެކު، އެކި ފަރާތްތަކުން ދަނީ ހިތާމަފާޅުކުރަމުންނެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް، ފިރާގު މުހައްމަދު "ފޭސްބުކް"ގައި ވިދާޅުވެފައި ވަނީ ޖައްލެއަކީ ގިނަ ބަޔަކު ދަންނަ ހިތްހެޔޮ އޯގާތެރި ސުލްހައަށް ލޯބިކުރާ ކުޅިވަރުގެ ރޮނގުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ މީހެއް ކަމަށެވެ. އޭނާގެ އުމުރުގެ ބާކީ ދުވަސްތައް ގުނަމުން ދިޔައީ ހަނިމާދޫގައި ކަމަށާއި ހަނިމާދޫގައި އޭނާ ހޭދަކުރި ކޮންމެ ދުވަހަކު ވެސް ޖައްލެގެ ހިދުމަތް އެ ފަސްގަނޑަށް ވެސް ލިބެމުންދިޔަ ކަމަށް ފިރާގު ވިދާޅުވެފައިވެއެވެ.

"އެންމެ ފަހުވަގުތު ވެސް ވަކިވެގެން އެ ދިޔައީ ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮށް ކުރިއަށްގެންދާ އީދު ހަރަކާތްތައް ހިންގުމުގެ އިސްސަފުގައި އިއްޔެ ކުޅެވުނު ވާދެމުން މުބާރާތުގެ ފައިނަލް މެޗުގެ އެންމެ އިސް ފަރާތަކަށް ހުރެއެވެ. މީގެ ކުރިންވެސް ކޮއްމެ ޖަމިއްޔާއަކުން އަދި ކައުންސިލުން ގޮވާލިނަމަވެސް އެއްވެސް އުޒުރަކާނުލާ އާބަސްބުނެ އިސް ސަފަށް ނުކުންނަ އެކަކަށް ޖައްލެވާނެކަމީ މިރަށުގެ އެއްވެސް މީހަކު ދެބަސްވާނެކަމެއްނޫނެވެ،" ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފޭސްބުކްގައި ވިދާޅުވެފައިވެއެވެ.

"ހަނިމާދޫ ތާރީހުގައިވެސް މިއަދަކީ ހަނިމާދޫއަށް އެއްމެ ހިތާމަވެރި އެއްދުވަހަށްވާނެކަން ޔަގީނެވެ،"

އެފްއޭއެމްގެ ކުރީގެ ރައީސް އަދި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަލީލަކީ ކުޅިވަރަށް ބޮޑު ޝައުގެއް ހުންނަ އެކުވެރިއެއް ކަމަށާއި ނިއުރޭޑިއަންޓް އަށް ގިނަ ކުޅިވަރުގައި ކުޅެ ހިދުމަތްކޮށްދީފައިވާ ފަރާތެއް ކަމަށެވެ. ޖަލީލު ނިޔާވި ހަބަރު އެހީ ކުއްލި ހައިރާންކަމަކާ އެކުގައި ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.

ޖަލީލު ނިޔާވި ހަބަރު ލިބުމާ ގުޅިގެން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އޭނާއަށް ހެޔޮދުއާކޮށް، ފޭސްބުކްގައި ޕޯސްޓެއްކޮށްފައެވެ.

https://web.facebook.com/share/p/jbVnrytBpJciYtzz/

ރާއްޖޭގެ ކުޅިވަރު ނޫސްވެރިޔާ އަހުމަދު ހަމްދޫން "ފޭސްބުކް"ގައި ބުނެފައި ވަނީ ޖަލީލަކީ، ދިވެހި ފުޓްބޯޅައިގެ ވަރަށް ޝަރަފްވެރި ސަފުހާއަކުން ޖާގަ ހޯދާފައިވާ މީހެއް ކަމަށެވެ. އޭނާއަކީ، ރާއްޖޭގެ ފުޓްބޯޅަ ކްލަބަކުން މިހާތަނަށް ހޯދި އެންމެ ބޮޑު އެއް ކާމިޔާބު ކަމަށްވާ 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ދަތުރުކުރިއިރު އެ ޓީމުގެ މުހިއްމު އޮފިޝަލެއް ކަމަށާއި އޭގެ ފަހުން ނިއު އިން 2007 ވަނަ އަހަރު އެފްއޭ ކަޕް، ދެ ވަނަ ފަހަރަށް މިލްކުކުރިއިރު ވެސް ޖަލީލުގެ ހިދުމަތް އެ ޓީމަށް ލިބުނު ކަމަށެވެ.

https://www.facebook.com/photo/?fbid=10169061666215046&set=a.10150208809545046

ނިއުގެ ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކްލަބަށް 1980ގެ އަހަރުތަކުގެ ކުރީކޮޅު ކުޅުނު ނަމަވެސް އޭނާގެ ކުޅިވަރު ހަޔާތުގެ ބޮޑުބައި ހޭދަކުރީ ނިއުރޭޑިއަންޓުގައި ކަމަށް ހަމްދޫން ބުނެފައިވެއެވެ.

"އޭނާ އަކީ އެ ޓީމުގެ ސަޕޯޓަރުންނާ ގުޅޭ، ޖުމްލަކޮށް ފުޓްބޯޅައިގެ އެންމެންގެ އެކުވެރިއެއް. ޖަލީލްގެ ފުރާނައަށް މާތްﷲ ގެ ފުއްސެވުމާއި، ރުއްސެވުން ލައްވާށި. އާމީން،" ކުޅިވަރު ނޫސްވެރިޔާ ފޭސްބުކްގައި ލިޔެފައިވެއެވެ.

ޖަލީލުގެ ކަށުނަމާދު އޮންނާނީ މިރޭ އިޝާނަމާދަށްފަހު، ހުޅުމާލެ އާސަހަރާ މިސްކިތުގައެވެ.