ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދިޔަ ޑިމާންޑުތަކަށް ސަރުކާރުން އިޖާބަދިނުމުން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު، ފަޅުތެރޭގައި ކުރަމުންދިޔަ މުޒާހަރާ ނިންމާލައިފިއެވެ.

އެއް ނަންބަރު ފާލަން ކުރިމަތީ ފަޅުތެރޭގައި ކަންނެލި ދޯނިތައް އަޅައި، މަސްވެރިން ޑިމާންޑުކުރަމުން ދިޔައީ ލޭނު މަސްވެރިކަމަށް ހުއްދަ ނުދިނުމަށާއި ސަރުކާރުން ވައުދުވެފައިވާ ގޮތަށް މިފްކޯއިން ބޮޑު ކަންނެލި ގަތުމަށާއި މާލެއިން ތެޔޮ ލިބޭ އަގުގައި ކަންނެލި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށެވެ.

މުޒާހަރާ ކުރަމުންދަނިކޮށް، ފިޝަރީޒް އެންޑް އޯޝަން ރިސޯސް މިނިސްޓްރީން މިރޭ ދަންވަރު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވައުދުވެފައިވާ ގޮތަށް ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު، ޝެޑުތަކުން ވިއްކާ އަގަށް ހެޔޮކޮށްފައިވާ ކަމަށެވެ.

އެ ޕޯސްޓާ ގުޅިގެން ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން (ބީޔޭޔޫ)އިން "އެކްސް"ގައި ބުނެފައި ވަނީ ލޭނު މަސްވެރިކަމަށް ރާއްޖޭގައި ހުއްދަ ނުދޭން ސަރުކާރުން ނިންމައި، ޑީސަލް ގަންނަން ލިބޭ އަގު މަސްވެރިންނަށް ހެޔޮކޮށްފައިވާތީ، އިހްތިޖާޖް ނިންމާލާފައިވާ ކަމަށެވެ.

ބުދަ ދުވަހުގެ ހެނދުނުން ފެށިގެން ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ގެންދިޔައީ އިހްތިޖާޖު ކުރަމުންނެވެ. އެގޮތުން ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި ފެށި މުޒާހަރާގެ މިސްރާބު ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ބަދަލުވީ ބުދަ ދުވަހުގެ ހަވީރުއެވެ. އަދި މުޒާހަރާއަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަޑައިގެން، މަސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ މިފްކޯގެ މާލީ ހާލަތު ހުރި ގޮތުން، މިއަހަރު މިފްކޯއަށް ބޮޑު ކަންނެލި ގަނެވެން ނެތް ކަމަށެވެ. އަދި ލޭނު މަސްވެރިކަން މި ސަރުކާރުން ހުއްދަކޮށްފައި ނުވާނެ ކަމަށާއި އެކަން ހުއްދަ ކުރަން މަޝްވަރާތަކެއް ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ހުށަހެޅުއްވި މެނިފެސްޓޯގައި ބޮޑު ކަންނެލި މިފްކޯއަށް ގަންނާނެ ކަމަށް ވައުދުވެފައިވެއެވެ. އަދި ބޮޑު ކަންނެލީގެ އަގު 80 ރުފިޔާ ކަނޑައަޅައި، "އޭ" ގްރޭޑް ނަމަ ބޮޑު ކަންނެލީގެ އަގު 100 ރުފިޔާއަށް ހަމަޖައްސާނެ ކަމަށް ސަރުކާރުގެ މެނިފެސްޓޯގައި ވައުދުވެފައިވެއެވެ.