އެއްވެސް އިންޒާރަކާ ނުލައި، ކާރު ޑްރައިވަރެއްގެ ލައިސަންސް ހިފަހައްޓައި ރުންކުރު ގޮތަކަށް ވާހަކަ ދެއްކި ފުލުހެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމުން، އެފަދަ ކަންކަން ތަކުރާރު ނުވާނެހެން ފުލުހުންގެ ފެންވަރު މުރާޖާކުރާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މި ފުލުސް މީހާގެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވީ ރޭގައެވެ. އޭނާގެ އަމަލުތައް ހުރި ގޮތާއި ކަންކުރި ގޮތް "ފޭސްބުކް" ޕޯސްޓެއްގައި ކާރު ޑްރައިވަރަކު ވަނީ ކިޔައިދީފައެވެ.

ޑްރައިވަރު ބުނީ ކާރު މަޑުކޮށްގެން އޮއްވައި، ކުއްލިއަކަށް ކާރު ކުރިމައްޗަށް އަންހެން ފުލުހަކާ އެކު ސައިކަލެއްގައި އައި ފުލުހަކު އޭނާގެ ލައިސަންސް ކާޑު ނެގުމަށްފަހު، ރުންކުރު ގޮތަކަށް ލައިސަންސް ހިފެހެއްޓީ ކަމަށް އެންގި ކަމަށެވެ.

"ލައިސަންސް އަސްލު ތި ހިފެހެއްޓީ ކީއްވެތޯ ސުވާލު ކުރުމުން ޖަވާބުގައި އަނެއްކައިވެސް ވަރަށް ރުންކުރު ގޮތަކަށް ބުނީ ޑަބަލް ލައިން މަތީގައި މަޑުކޮށްގެން އޮތުމެވެ. އާއްމު އުސޫލުން ޓްރެފިކް ބާރު ބޮޑުވާ ނަމަ އެތަނުން ދިޔުމަށް ފުލުހުން އެދެއެވެ. ވަރަށް ގިނައިން ފެންނަ ކަމެކެވެ. ކަންދިމާ ކުރިގޮތުން އެ ގަޑިއަކީ އެތަނުގައި އެހާ ބާރުބޮޑު ވަގުތެއްވެސް ނޫނެވެ،" ޑްރައިވަރު ފޭސްބުކްގައި ލިޔެފައިވެއެވެ.

ފުލުސް މީހާގެ އަމަލުތައް ހުރި ގޮތުން 119 އަށް ގުޅައި އެ ފުލުހުން މީހާގެ ޝަކުވާ ކުރި ކަމަށާއި ކަން ހިނގި ގޮތް ބެލުމަށްފަހު 10 ވަރަކަށް މިނެޓު ފަހުން ފުލުހުން ގުޅި ކަމަށް ޑްރައިވަރު ބުންޏެވެ. "ތަކުރާރުކޮށް ބުނެގެންވެސް، ކާރު ނުނަގައި އަމުރަށް ނުކިޔަމަންތެރި ވުމުން ލައިސަންސް ހިފެހެއްޓީ ކަމަށް" ސީންއަށް ދިޔަ ފުލުހުނާ ހަވާލާދީ 119 އިން ބުނި ކަމަށް ޑްރައިވަރު ލިޔެފައިވެއެވެ.

"ކޮންފަދަ ބޮޑު ދޮގެއްތޯ އޭ ބުނެލީމެވެ. އަދި ތިބޭފުޅުން ބޮޑީ ކެމެރާ ބެލިޔަސް ކަން ހިނގި ގޮތް ވަރަށް ރަނގަޅަށް އިނގޭނެ ކަމަށް ބުނީމެވެ. ޖަވާބުގައި އެބޭފުޅާ ބުނީ ޕޮލިސް އިންޓިގްރިޓީ ކޮމިޝަނަށް މައްސަލަ ހުށައަޅާށެވެ." ޑްރައިވަރު ފޭސްބުކްގައި ލިޔެފައިވެއެވެ.

https://www.facebook.com/yappey/posts/pfbid02tv4ZJPuFsSTNjaG8ezQFMbceYgDRWcc9ApmUGzBb6piQYbPxonxZCwqGykmjLFrrl

ސޯޝަލް މީޑިއާގައި ޑްރައިވަރު ކުރި މި ޕޯސްޓް ވައިރަލްވެގެންދިއުމުން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ އެކަމާމެދު އަމަލު ކުރި ގޮތް ކިޔައިދެއްވާފައެވެ.

ޝިފާން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ފުލުސް މީހާއާ އެ މުއައްސަސާގެ ފަރާތުން ވާހަކަ ދައްކައި، ކަން ހިނގާދިޔަ ގޮތް އޮޅުން ފިލުވާފައިވާ ކަމަށެވެ.

"މިފަދަ ކަންކަން ތަކުރާރު ނުވާނެހެން، ރައްޔިތުންނަށް ސީދާގޮތުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މުރާޖަާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާނެ ވާހަކަ ދަންނަވަން،" ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާކުރައްވާ ޝިފާން ވިދާޅުވިއެވެ.