ޅ. ފެލިވަރާއެކު އިތުރު ދެ ރަށެއްގައި މަސް ފެކްޓަރީ އެޅުމަށް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް އާ ހަވާލުކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ހަމަޖެހޭނެ ކަމަށް ސޮއިކޮށްފައިވާ ޕްރޮޖެކްޓެކެވެ. މި މަޝްރޫއު ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް އާ ހަވާލު ކޮށްފައި ވަނީ 175 މިލިއަން ޑޮލަރަށެވެ.

އެ މަޝްރޫއުގެ ދަށުން ޅ. ފެލިވަރާއި ދ. މާދެލީގެ އިތުރުން ގދ. ފިޔޯރީގައި މަސް ފެކްޓަރީ އެޅުމަށް ވަނީ ނިންމައިފައެވެ. މިހާރުވެސް މަސް ޕްރޮސެސް ކުރަމުން އަންނަ ފެލިވަރަށް އިތުރު 100 ޓަނު އަދި ފިޔޯރިއަށް ވެސް 100 ޓަނުގެ މަސް ޕްރޮސެސް ކުރާ ފެކްޓަރީއެއް އަޅާނެއެވެ. މާދެލީގައި އަޅާނީ 50 ޓަނުގެ މަސް ޕްރޮސެސް ކުރާ ފެކްޓަރީއެކެވެ.

މީގެތެރެއިން މާދެލީގައި 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި މަސް ބަނދަރެއް އަޅާނެއެވެ. އަދި ފިޔޯރީގައި 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކުރެވިގެން ދާނެއެވެ.

އިތުރު ދެ ރަށެއްގައި މަސް ފެކްޓަރީ އެޅުމަށް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް އާ ހަވާލުކުރުން ---

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ ފެލިވަރަށް 40 އަކަށް އަހަރުވެގެން ދިޔައިރު އެތަނުގެ ކެޕޭސިޓީއަކީ 50 ޓަނު ކަމަށެވެ. އަދި، އެތަނުގެ ހާލަތު ހުރި ގޮތުން މަސް ބަންދު ކުރެވެނީ ގާތްގަނޑަކަށް 40 ޓަނު ކަމަށެވެ.

ރާއްޖޭގައި ބާނާ 128،000 މެޓްރިކް ޓަނުގެ މަހުގެ ތެރެއިން 63،000 މެޓްރިކް ޓަނު ރޯ މަހުގެ ގޮތުގައި ބޭރު ކުރަނީ ޕްރޮސެސިން ކެޕޭސިޓީ ސަރުކާރު ހިއްސާވާ މިފްކޯގައި ނެތުމުގެ ސަބަބުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިއަދު މި ސޮއި ކުރި އެމްއޯޔޫއާ އެކީގައި އެ އަދަދު ޑަބަލް ކުރެވޭކަން ޝިޔާމް ފާހަގަކުރެއްވިއެވެ.