ކުރީގެ ރައީސް ޔާމީން އިސްވެ އުފައްދަވާ، "ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)" އުފެއްދުމަށް ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދީފައިވާތީ މާދަމާ ރޭ ބާއްވާ އެޕާޓީ އުފެއްދުމުގެ ޖަލްސާގައި ޔާމީން ބައިވެރިވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
މާދަމާ ރޭ ގިޔާސުއްދީން ސްކޫލުގައި ބާއްވާ މި ޖަލްސާގައި ޔާމީނު ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރެއްވީ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަލީހު ޖަމާލެވެ. ޔާމީން ބައިވެރިވަނީ ކަރެކްޝަންސް އިން އެކަމުގެ ހުއްދަ ދިނުމުންތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުން ވެސް މަލީހު އެކަމަކަށް ޖަވާބެއް ނުދެއްވައެވެ.
އެ ސުވާލަށް ޖަވާބު ނުދީ އޭނާ ހިއްސާ ކުރެއްވީ އެމްޑީޕީ އުފެއްދިއިރު އެޕާޓީން ބޭއްވި ފުރަތަމަ ކޮންގްރެސްގައި އޭރު ޖަލު ހުކުމެއްގައި ހުންނެވި އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވިކަމުގެ ވާހަކައެވެ.
ޔާމީންގެ ވަކީލުން ވަނީ އެ ޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ޔާމީނަށް ދެއްވުމަށް އެދި ސިޓީއަކުން ދަންނަވައިފައެވެ. ނަމަވެސް އެ ސިޓީގެ ޖަވާބުގައި އެ އިދާރާގެ އުސޫލުތަކުން އެކަމަށް ޖާގަ ނުދޭތީ އެ ޖަލްސާގައި ޔާމީނަށް ބައިވެރިނުވެވޭނެ ކަމަށް ކަރެކްޝަންސް އިން ވަނީ އަންގައިފައެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފައިވަނީ މީގެ ހަތަރު މަސް ކުރިންނެވެ. އަދި އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާން އީސީން ހުއްދަ ދިނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހުށަހަޅާފައިވާތީއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ އެ ޕާޓީއަށް ސޮއިކުރި 3,000 މީހުންގެ ތެރެއިން މަދުވެގެން 300 މީހުން ބައިވެރިކޮށްގެން ޕާޓީ އުފެއްދުމުގެ ޖަލްސާ ބައްވަންޖެހޭނެ ކަމަށެވެ. އަދި އެ 300 މީހުންގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑު ނަންބަރާއި، ފޯނު ނަންބަރާއި ސޮއި އޮތް ލިސްޓެއް ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނުނުގައި ބުނެފައިވެއެވެ.
ޕާޓީ އުފެއްދުމުގެ ޖަލްސާގައި ނިންމަންޖެހޭ ކަންކަން
ޕާޓީގެ ނަމާއި ޕާޓީގެ އަސާސީ ގަވާއިދު
ވަގުތީ ގޮތުން މަގާމުތަކަށް މީހުން އައްޔަންކުރުން