ދެމަފިރިން އެކަކު، އަނެކަކަށް ކުށް ހޯދުމަށް ޖާސޫސް ކުރުމަކީ ހުއްދަވާނެ ކަމެއް ނޫން ކަމަށް ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.
މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަބްދުއްސައްތާރު މިހެން ވިދާޅުވީ ރާއްޖެޓީވީން ގެނެސްދޭ "އަލްހިކުމަތު"ގައިވާހަކަފުޅު ދައްކަވަމުންނެވެ.
"ކުށްތައް ހޯދަން ޖާސޫސް ވެސް ނުކުރެވޭނެ. އަނބިމީހާ ފިރިމީހާގެ ކުށްތައް ހޯދަން، ފިރިމީހާ އަނބިމީހާގެ ކުށްތައް ހޯދަން [ޖާސޫސް ނުކުރެވޭނެ]. އެއީ ހުއްދަ ވާނެ ކަމެއް ނޫން،" މިދިޔަ ހުކުރު ދުވަހުގެ ރޭ ރާއްޖެޓީވީން ވަގުތުން ގެނެސްދިން ޕްރޮގްރާމްގައި ޑރ. އަބްދުއްސައްތާރު ވިދާޅުވިއެވެ.
"އެއްވެސް މީހަކު އަނެކެއްގެ ކުށްފާފަތައް ހޯދަން އުޅުމަކީ ކަނޑައެޅިގެން ނަހީކުރައްވާފައިވާ [ކަމެއް]،"
މީގެ އިތުރުން ދެމަފިރިން އެކަކު އަނެކަކަށް ޝައްކު ކުރުމަކީ ކޮންހަލަ ކަމެއްތޯ ސުވާލު ކުރުމުން، އަބްދުއްސައްތާރު ވިދާޅުވީ ބައެއް ކުށްހީތަކަކީ ފާފައެއް ކަމަށާއި އެހެންކަމުން "ޝައްކު ކޮށްގެން ކަމަކު ނުދާނެ،" ކަމަށެވެ.
އަނބިމީހާ ހިލޭ ފިރިހެނުންނާ އެކު، ހުއްދަ ނޫން ގޮތްގޮތަށް ގުޅުން ބާއްވާކަން އެނގިހުރެ އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅާ ހުރުމަކީ ކޮންކަހަލަ ކަމެއްތޯ ސުވާލު ކުރުމުން ޖަވާބުގައި އަބްދުއްސައްތާރު ވިދާޅުވީ އެކަން މަނާކުރަންޖެހޭނެ ކަމަށެވެ.
އަނބިމީހާ އެކަހަލަ ކަމެއް ކުރާކަން އެނގޭނަމަ ފިޔަވަޅެއް ނާޅާ ރުހިގެން ހުރެގެން ނުވާނެ ކަމަށާއި ރުހިގެން ހުރެއްޖެނަމަ އެ މީހަކީ ދައްޔޫސެއް ކަމަށް ޝެއިހް ވިދާޅުވިއެވެ. ދައްޔޫސުން ސުވަރުގެއަށް ނުވަންނާނެ ކަމަށް ޝެއިހް ވިދާޅުވިއެވެ.
"މަނާކުރަންޖެހޭނެ. މަނާކުރުމުގައި އަނިޔާކޮށްގެން ނުވާނެ. އަނިޔާކޮށްގެން ނުވާނެ. އަނގައިން މަނާކުރެވޭނެ. ޖިސްމާނީ އަދަބު ދެވިދާނެ، އެކަމަކު އަނިޔާވެގެން ނުވާނެ،" ޝެއިހް ވިދާޅުވިއެވެ.
އެމަނިފާނު ވިދާޅުވީ އަނބިމީހާ އެގޮތަށް އުޅޭނަމަ ވަރިކުރެވިދާނެ ކަމަށާއި އެފަދަ ކަމެއްގައި "ވަރިކުރުމަކީ މައްސަލައެއް ނޫން،" ކަމަށެވެ.