ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ފެއްޓެވި ދަތުރުގެ އެންމެ ފަހު މަންޒިލު، ގއ. ވިލިނގިއްޔަށް ވަޑައިގެންނެވި ވަގުތު އެމަނިކުފާނުގެ ސަޕޯޓަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި ޒުވާބު ހިނގައިފިއެވެ.
އެ ޒުވާބު ހިނގާފައި ވަނީ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީން ކެންޑިޑޭޓެއް ހޮވާފައި ވަނިކޮށް، އެ ޕްރައިމަރީން ދެ ވަނައަށް ދިޔަ ކެންޑިޑޭޓު އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރާތީ، ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުން ރައީސަށް މަރުހަބާ ދަންނަވަން ބަނދަރު މައްޗަށް ނުކުތް ވަގުތުގައެވެ.
ވެހެމުންދިޔަ ވާރޭ ތެރޭގައި ރައީސާ ސަލާމް ކުރުމަށް ސަފުގައި ތިބެ، ޕީއެންސީގެ ސަޕޯޓަރުން ގޮވަމުން ދިޔައީ ދެ ކެންޑިޑޭޓެއްގެ ނަމެކެވެ. އެއް ބަޔަކު ގޮވަމުންދިޔައީ ޕްރައިމަރީ ކާމިޔާބުކޮށް، ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާއަށް ވާދަކުރައްވާ ޔަޒްމީދު މުހައްމަދުގެ ނަމެވެ. އަނެއް ބަޔަކު އަޑު އުފުލަމުން ދިޔައީ ވިލިނގިލި ދާއިރާގެ ޕީޕީއެމްގެ އިސް ބޭފުޅުންގެ ތާއިދާ އެކު، އަމިއްލަ ގޮތުން ވާދަ ކުރައްވާ އާޒިމް އަބްދުލްއަޒީޒްގެ ނަމެވެ.
ސަފުގައި ތިބެ، އާޒިމަށް ތާއިދުކޮށް، އެއް ބަޔަކު ދައްކަމުންދިޔައީ ކެންޑިޑޭޓް ނަންބަރު ތިނެކެވެ. އަނެއް ބަޔަކު ޔަޒްމީދަށް ތާއިދުކޮށް، ދައްކަމުން ދިޔައީ ކެންޑިޑޭޓް ނަމްބަރު އެކެވެ.
އާޒިމް އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރަނީ ޕީޕީއެމް މެޖޯރިޓީ އޮތް ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދާއި ޕީޕީއެމްގެ މެޖޯރިޓީ އޮތް ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ޝަހީން (ޝިހާން)ގެ ތާއިދާއެކުގައެވެ. ޝިހާންއަކީ ޕީޕީއެމް/ޕީއެންސީ ސެނެޓް މެމްބަރެކެވެ. މީގެ އިތުރުން ވިލިނގިލީ ދާއިރާގެ ޕީޕީއެމް ރައީސް ނަޒްލީން ނަޖީބު (ކުއްބެ) އާއި ޕީޕީއެމް/ޕީއެންސީގެ ސިޓިއަރިން ކޮމެޓީ ރައީސް އަހުމަދު ރަޝާދު (ރަތްވިލާ) ވެސް ވަނީ އާޒިމަށް ތާއިދު ކުރައްވާފައެވެ.
މީގެ އިތުރުން މިއަދު ވިލިނގިއްޔަށް ރައީސް ވަޑައިގެންނެވި ވަގުތު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޔަޒްމީދުގެ ޓީމުން ބެނާއެއް ދެމުމުން، އާޒިމްގެ ސަޕޯޓަރުން ވަނީ ބޮޑު ޕޯސްޓަރެއް ފާލަން ކައިރީގައި ބަހައްޓަފާއެވެ. ދެ ކެންޑިޑޭޓުންގެ ދެމެދުގައި ޒުވާބު ބޮޑުވެ، އެންމެފަހުން އެ މައްސަލަ ހައްލުކުރީ ފުލުހުންނެވެ.
ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ނަތީޖާ ގަބޫލުނުކޮށް، އަމިއްލަ ގޮތުން ކެންޑިޑޭޓަކު ނެރުމުން ވިލިނގިލީ ޕީއެންސީ އޮތީ ދެކަފިވެފައެވެ. ސަރުކާރު ކެންޑިޑޭޓަކީ ކޮބައިކަން ވަނީ އޮޅިފައެވެ. ސަބަބަކީ ރާއްޖޭގެ އެހެން ދާއިރާތަކަށް ވެސް ޕީއެންސީގެ ކެންޑިޑޭޓެއް ޕްރައިމަރީން ހޮވާފައިވަނިކޮށް، ސަރުކާރުގެ އިސް ބޭފުޅުންތަކެއް ގުޅިގެން އަމިއްލަ ގޮތުން ކެންޑިޑޭޓުންތަކެއް ނެރެމުންދާތީއެވެ.