ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ރައްޔިތުން ގާތުގައި ވެފައިވާ ވައުދުތައް ދައުރުގެ ފަހުކޮޅު ފުއްދަން ނުބަހައްޓާ ދައުރުގެ ކުރީކޮޅު އެ ވައުދުތައް ފުއްދާނެ ކަމަށާއި 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޭނީ ވެސް ދައުރު ކުރީކޮޅު ކަމަށް މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަން ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހާލަތު ބަދަލު ކުރާނެ ގޮތް މަސްވެރިންނާ ހިއްސާ ކޮށްފައި ވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހު މަހުގެ އަގަށް ގެނައި ބަދަލާއެކު ދައުލަތަށް ވަރަށް ބޮޑު ބުރައަކަށް ވެގެން ދިޔަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މި ސަރުކާރު އައިއިރު 270 އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ކުރީ ސަރުކާރުން ނުދައްކާ އޮތް ކަމަށެވެ. ނަމަވެސް މި ސަރުކާރު އައިފަހުން މިހާރުވެސް މަސްވެރިންނަށް 435 މިލިއަން ރުފިޔާ ދައްކާފައި ވާނެ ކަމަށް މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވިއެވެ.
"މި އަދަދުގެ ވާހަކަ ދައްކާއިރުގައި ވެސް އަޅުގަނޑުމެންނަށް އެނގޭ 280 މިލިއަން ރުފިޔާ ބެކްލޮގްގެ ގޮތުގައި އެބައޮތް. އަދި މިދިޔަ ހަފްތާގައި މަސްވެރިކަން ކޮށްފައި ގާތްގަނޑަކަށް 26 މިލިއަން ރުފިޔާ އެބައޮތް ހަފްތާއިން ހަފްތާއިން... އަޅުގަނޑުމެން އަގު މުރާޖާ ކުރި ދުވަހުން ފެށިގެން ނިންމީ ހަފްތާއިން ހަފްތާއިން ފައިސާ މަސްވެރިންނަށް ދިނުމަށް. އެހެންވީމަ މިދިޔަ ހަފްތާގައި އޮތް 26 މިލިއަން ރުފިޔާ މިފަހްތާގެ ތެރޭގައި އެއޮތީ ދައްކާ ނިންމާފައި،" ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު މިއަދުވެސް ވިދާޅުވީ ބެކްލޮގުގައި މިހާރު ހުރި ފައިސާ މާޗު ފަސްވަނަ ދުވަހުގެ ކުރިން ދައްކާ ހަލާސް ކުރާނެ ކަމަށެވެ. އޭގެ ކުރިން ވެސް އެފައިސާ ދެއްކުމުގެ މަސައްކަތް ކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ 280 މިލިއަން ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26ވަނަ ދުވަހު ދައްކާނެ ކަމަށާއި އަދި ބާކީ އޮތް 180 މިލިއަން ރުފިޔާ މާޗު ފަހެއްގެ ކުރިން ދައްކާނެ ކަމަށެވެ.
"ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް އުނދަގުލުގައި. އެހެންނަމަވެސް އަޅުގަނޑުމެން ފައިސާ ޗާޕު ނުކޮށް މިހުރިހާ ކަމެއް ކުރަމުން މިދަނީ،" ޝިޔާމް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ނިންމާފައި އޮތް ފައިސާ ޗާޕު ކުރުން މި ސަރުކާރުން ނިމުމަކަށް ގެނެސްފައި ވާނެ ކަމަށާއި އެކަން އެގޮތަށް ވެސް ކޮށްފައި ވަނީ ގައުމާއި ރައްޔިތުންގެ ހެވާ ލާބަޔަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަހުގެ އަގު ކުރީގެ ސަރުކާރުން 17 ރުފިޔާ އިން 25 ރުފިޔާ އަށް ބޮޑުކުރީ ސީދާ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެއީ މަސްވެރިން މަރުހަބާ ކީ ކަމެއް ނޫން ކަމަށެވެ. އަދި މިއަދު މަސްވެރިންނަށް ޖެހިފައި މިވާ ތަކުލީފަކީ ވެސް އެކަމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ދައުރުގެ ކުރީކޮޅު 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭ ގޮތަށް މަސައްކަތް ގެންދާނަން،" ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއީ ހަމައެކަނި މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށާއި އެހެން ސިނާއަތްތަކަށް ވެސް 9 ބިލިއަން ރުފިޔާ އޮތް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ ފަރާތްތަކަށް ދައްކަން ޖެހޭ އެއްޗެއް ދައުރުގެ ކުރީކޮޅު ދައްކާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.