ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިއަދު ޖަމާނުކޮށްފިނަމަ، ކޫއްޑޫއިން ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު މަސްވެރިން ދީފިއެވެ.

ދޯނިފަހަރުތަކުގައި މަސްވެރިން ކޫއްޑޫއަށް އަރައި، އެތަނުގެ ހިންގުން ހުއްޓުވާފައިވާތާ 24 ގަޑިއިރުވަނީވެފައެވެ. މައްސަލަ ހައްލުކުރަން ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް އެ ރަށަށް އިއްޔެ ކުރެއްވި ދަތުރުން ކާމިޔާބީއެއް ނުލިބި، ރޭ ފަތިހު ވަނީ މާލެ ފުރައިވަޑައިގެންފައެވެ.

މިއަދު ވެސް މަސްވެރިން ވަނީ އެ ރަށުގައި ހުންނަ މިފްކޯގެ އޮފީސް ބަންދުކޮށް، ކާރުހާނާގެ ހިންގުން ހުއްޓުވާފައެވެ. މިފްކޯގެ ފަރާތުން އެ ރަށް ހިންގުމާ ހަވާލުވެ ހުންނެވި، ކޫއްޑޫ ރީޖަނަލް މެނޭޖަރު އަންވަރުސާދާތުއާ ބައްދަލުކޮށް، އެ ރަށުން މިއަދު ކަރަންޓު ކަނޑާލާނެކަން މަސްވެރިން ވަނީ އޭނާއަށް އަންގާފައެވެ.

"ފަރެސްމާތޮޑާ މަސްވެރިން"ގެ ފޭސްބުކް ބޭޖުން ވަނީ އެ ވާހަކަތައް ފޭސްބުކްގައި ލައިވްކޮށްފައެވެ.

ވީޑިއޯއިން ފެންނަ ގޮތުން އަންވަރު ވަށާލައިގެން ތިބެ، މަސްވެރިންގެ ތެރެއިން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު 3:30ގެ ކުރިން ފައިސާ ޖަމާނުކޮށްފިނަމަ، ކޫއްޑޫ އިންޖީނުގެއަށް ވަދެ، މުޅި ރަށުން ކަރަންޓު ކަނޑާލާނެ ކަމަށެވެ. އެގޮތަށް އިންޒާރު ދިނުމުން އަންވަރު ވަނީ މިފްކޯގެ ވެރިންނަށް ގުޅައި، މަސްވެރިން އެގޮތަށް އިންޒާރުދީފައިވާކަން އަންގާފައެވެ.

މުޒާހަރާ ކުރަމުންދާ މަސްވެރިން، ކޫއްޑޫ ހިންގުމާ ހަވާލުވެހުރި އަންވަރުސާދާތު (ކ)އާ ވާހަކަ ދައްކަނީ -- ފޮޓޯ/ ފޭސްބުކް

މަސްވެރިންގެ އިހްތިޖާޖު ފިނުކުރުމަށް ސަރުކާރުން ހުށަހެޅި ކަންކަމަށް މަސްވެރިން އިޖާބަ ދޭން ބޭނުމެއް ނުވިއެވެ. މަސްވެރިން މިފްކޯއަށް ކިރާ މަހަށް ފައިސާ ނުދޭތާ ދެ މަސް ވަނީ ވެފައެވެ. ޝިޔާމް އިއްޔެ ވިދާޅުވީ މިފްކޯ އަށް ކިރުވި މަހަށް ދޭން ޖެހޭ 298 މިލިއަން ރުފިޔާ ނުދީވާ ކަމަށާއި އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން އެ ފައިސާ ދީ ނިންމާނެ ކަމަށެވެ. ޝިޔާމްގެ އެ ހުށަހެޅުން މަސްވެރިން ގަބޫލެއް ނުކުރިއެވެ.

ޝިޔާމް ދެން ވިދާޅުވީ ސަރުކާރުން ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މި މަހު 26ގައި ދޭނެ ކަމަށް މިނިސްޓަރު ދެންނެވިއެވެ. އެ ހުށަހެޅުން ވެސް ގަބޫލުނުކޮށް، މަސްވެރިންގެ ޑިމާންޑަކީ މި މަހު ހުރިހާ ފައިސާއެއް ސަރުކާރުން ޖަމާކުރުމެވެ.

ކޫއްޑޫއިން ކަރަންޓު ކަނޑާލުމުން ބޮޑު ގެއްލުމެއް މިފްކޯއަށްވާނެއެވެ. ސަބަބަކީ ރާއްޖެއިން ބޭރަށް ފޮނުވުމަށް އެ ކާރުހާނާގައި ފިނިކޮށްފައިވާ މަސްތަކުން ފިނިކަން ކެނޑި، މަސްތައް ބޭނުންނުކުރެވޭ ދަރަޖައަށްދާނެއެވެ.

ކޫއްޑޫއަކީ ރާއްޖެއިން ބޭރަށް މަސް ބޭރުކުރާ ބަނދަރެއް ވެސް ހިންގާ ރަށެކެވެ. އެ ބަނދަރުން މަސް ބޭރުކުރަނީ ސީދާ ތައިލެންޑަަށެވެ. މަސް ބޭރުކުރުމަށް އާގު ބޯޓެއް މިހާރު ވެސް އެ ރަށުގައި ބަނދަރުކޮށްފައި އެބަ އޮތެވެ.

https://fb.watch/qiM6LXfSNo/