މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ދިނުމަށްޓަކައި ސޮވެރިން ގެރެންޓީ ދީގެން ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ޝިޔާމް ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާތީ އެއާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި ގިނަ ދުވަސްތައް ވެގެން ދިއުމަކީ އެއްވެސް އާއިލާއަކަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ.
"ކުލިނުދެއްކި، ޔުޓިލިޓީ ބިލްތަކަށް ފައިސާނުދެއްކި، ދަރިންގެ ޓިއުޝަންފީ ނުދެއްކި، ލޯނުތައް އަދާނުކުރެވި ދުވަސްތައް ގުނަންޖެހުމަކީ އެއްވެސް ފަރުދަކަށް އަދި އާއިލާއަކަށް ފަސޭހަކަމެއްނޫން އަދި އެއީ ލިބޭ ވަރަށްވެސްބޮޑު ހިތްދަތިކަމެއް،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ޕޯސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތްކަން ފާހަގަކުރެއްވިއެވެ.
"އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ޚަލާސްކުރެވިއްޖެ،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި ދުވަސްވަރަކީ މާތް ރަސްކަލާނގެ ރަހުމަތުން މަސްވެރިކަން ރަނގަޅު ދުވަސްކޮޅަކަށްވެފައި ކޮންމެދުވަހެއްގެވެސް އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތަކުން ދައްކާ ކަމަށެވެ.
"ސަރުކާރު އަދި މިފްކޯއިންދަނީ ރައީސުލް ޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުން،" ޝިޔާމް ވިދާޅުވިއެވެ.
އެހެންނަމަވެސް ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޔަގީން ކުރަނީ ލަސްތަކެއްނުވެ މިހާރު ހުރި ބެކްލޮގް އެއްކޮށްފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދިއުން. އަދި މަސްވެރި ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައްވެސް ހައްލުވެ މިސަރުކާރުގެ މަސްވެރި މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވެ މަސްވެިކަމުން ލިބޭ އާމްދަނީ އިތުރުވެގެން ދިއުން،" ޝިޔާމް ވިދާޅުވިއެވެ.
ރައީސުލް ޖުމްހޫރިއްޔާ ހުންނެވީ ކަންކަން ހައްލުކުރައްވަން އެންމެ ކުރިޔަށް ނިކުންނަވައިގެން ކަމަށާއި މަސްވެރިންގެ ފަރާތުން އަބަދުވެސް ލިބޭ އެއްބާރުލެއްވުމަށް ޝުކުރުދަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިއްޔެ ރައީސް މުއިއްޒު ވެސް ވަނީ މަސްވެރިންނަށް ފައިސާ ދިނުމުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް އެ ފައިސާ ވަރަށް އަވަހަށް ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ކުރިޔަށް އޮތް ފަސް ދުވަހު ވެސް ވައި ނުސާފު ވާނެ: މެޓް
ވަގުތީ ގޮތުން ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި
36 ކިލޯގެ ޑުރަގު އެތެރެކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް