ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެއްޖެއެވެ.
އެގޮތަށް އެއްބަސްވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ބައެއް ގާނޫނުތަކަށް ބަދަލު ގެނައުމަށް ދެ ޕާޓީން އެއްބަސްވެފައިވާކަން އިއުލާން ކުރީ މިއަދު ހަވީރު ދެ ޕާޓީން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.
އެ ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްގެ އިތުރުން މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ސަލީމް (ސައްލެ) ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ދެޕާޓީން ވެސް ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެކަންތައްތަކަށް ހައްލު ގެނައުމަށް ދެޕާޓީން މަސައްކަތް ކުރާނެ ކަމަށާއި ދެޕާޓީން އެކުގައި މަސައްކަތް ކުރާނީ މަޖިލިސް ތެރެއިން ކަމަށެވެ.
އެ މަސައްކަތްތަކުގެ ތެރެއިން ބައެއް ގާނޫނުތައް އިސްލާހު ކުރުން ވެސް ހިމެނޭ ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ވެސް ދެޕާޓީ ގުޅިގެން އަދި ދެޕާޓީގެ މަޝްވަރާއާއެކު ހުށަހަޅާފައިވާ އިސްލާހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ނިންމީ މިކަންކަން މޮނީޓާކޮށް، ޒިންމާދާރު އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ހަންމަތަ ކުރުމާއި ހަމައެއާ އެކު މި ގައުމުގެ ޑިމޮކްރަޓިކް މުސްތަގްބަލް ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލިސް ތެރެއިން ގެނައުމަށް މަޖިލިސް ތެރޭގައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރުމަށް،" ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީ އާއި ޑެމްސްގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 55އެވެ. ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ އަދަދަީ 18އެވެ.