ވޯލްޑްކަޕް ކޮލިފައިންގްގެ ޕްްލިމިނަރީ ބުރުގެ ޕްލޭ އޮފްގައި ބަންގްލަދޭޝްއަތުން ބަލިވެ ރާއްޖެ ކަޓައިފިއެވެ.

ބަންގްލަދޭޝްގެ ބަންގު ބަންދު ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ބަންގްލަދޭޝް ޕްލިމިނަރީ ރައުންޑްގެ ދެން އޮތް ބުރަށް ދަތުުރު ކުރީ މި މަހުގެ 12 ވަނަ ދުވަހު މާލޭގައި ކުޅުނު މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޖުމުލަ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ޕްރިލިމިނަރީ ދެވަނަ ބުރުގައި ބަންގްލަދޭޝް ހިމެނޭނީ ގްރޫޕް އައިގައެވެ. އެ ގްރޫޕްގައި ބަންގްލަދޭޝްއާ އެކު ދެން ހިމެނޭނީ އޮސްޓްރޭލިއާ، ލެބަނަން އަދި ފަލަސްތީނެވެ.

ރާއްޖެއިން މިއަދުގެ މެޗަށްވެސް ނުކުތީ މާލޭގައި ކުޅުނު މެޗުގައި ފެށި 11 ކުޅުންތެރިންނާއެކުއެވެ. އެ މެޗުން ރާއްޖެއަށް ފަހު ވަގުތު ޕޮއިންޓް ގެއްލުނު އިރު ހެދުނު ގޯސްތަކާއެކު ޖެހިގެން އައި ދުވަހު ބަންގްލަދޭޝްއަށް ޓީމު އައިސް ފަރިތަކުރަން ވަގުތު ލިބުނު ނަމަވެސް މިއަދުގެ މެޗު ފަށައިގެންވެސް މާ އެދެވޭ ކުޅުމެއް ރާއްޖެއަކަށް ނުދެއްކުނެވެ.

މިއަދުގެ މެޗު ފަށައިގެން ބަންގްލަދޭޝްއިން މެޗުގެ ކުރީކޮޅު ވަނީ ލީޑު ނަގައިފައެވެ. މެޗުގެ 11 ވަނަ މިނަޓުގައި ބަންގްލަދޭޝްއަށް އެ ގޯލު ޖަހައިދިނީ ރާކިބް ހުސެންއެވެ.

ބަންގްލަދޭޝްއިން އެ ހާފުގައި ލިބޭ ކައުންޓާ އެޓޭކުތަކުގައި ރަނގަޅު ހަމަލާތައް އުފައްދަމުން ދިޔައިރު، ރާއްޖޭގެ ޑިފެންސް ލައިނުން ފެނުނީ ދަށް ކުޅުމެކެވެ. ގިނަ ގޯސްތަކެއް ހަދަމުން ދިޔައިރު، ރާއްޖޭގެ ޑިފެންސް އޮތީ މުޅިން ރޫޅިފައެވެ. ކުޅުންތެރިން ޕޮޒިޝަނުން ބޭރުގައި ތިބޭއިރު، ބަންގްލަދޭޝްއިން އޭގެ ފައިދާ ނަގައި ގިނަ ހަމަލާތަކެއް ވަނީ އުފައްދައިފައެވެ.

ރާއްޖެއަށް ފުރަތަަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަވީ ލިބުނު ކޯނަރަކުން އައިސަމް އިބްރާހިމް ޖަހައިދިން ގޯލަކުންނެވެ. ހަމްޒާ މުހައްމަދު ނަގައިދިން ކޯނަރު ބަންގްލަދޭޝް ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި އޭރިއާ ތެރެއަށް ޑިފްލެކްޓްވީ ބޯޅަ އައިސަމް ބޮލުން ޖަހައި ގޯލަށް އެއްފަހަރުން ވަނީ ވައްދާލައިފައެވެ.

ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނަޓުގައި ބަންގްލަދޭޝްއިން އަނެއްކާވެސް ވަނީ ލީޑު ނަގައިފައެވެ. ފުރަތަމަ ގޯލެކޭ އެއްގޮތަށް އަރިމަތިން ނަގައިދިން ހުރަހެއް ރާއްޖެއަށް ސާފު ނުކުރެވިގެން އުޅެނިކޮށް އެ ބޯޅަ ގޯލަށް ވައްދާލީ ފޮއިސަލް އަހުމަދު ފަހީމްއެވެ.

ބަންގްލަދޭޝްގެ ގޯލަށްފަހު ރާއްޖެއިން ކުޅުން ރަނގަޅުކުރި އިރު، 59 ވަނަ މިނަޓުގައި އެ ޓީމުގެ މުހައްމަދު ސޮހެލް ރަނާއަށް ވަނީ ރާއްޖޭގެ ހައިޝަމްއަށް ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދައްކައިފައެވެ. މެޗުގެ ބާކީބައި 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ނަމަވެސް ބަންގްލަދޭޝްއިން ވަނީ މެޗުގެ ބާކީ އޮތްބައިގައި ރަނގަޅަށް ޑިފެންސްކޮށްފައެވެ.

ރާއްޖޭގެ އަހުނަފްއަށް ވަނީ މެޗުގެ އިތުރު ވަގުތު ރަތް ކާޑު ދައްކައިފައެވެ. އެއީ ބަންގްލަދޭޝްގެ ކައުންޓާ އެޓޭކެއް ހުއްޓުވުމަށް އޭނާ އެންމެ ފަހު ޑިފެންޑަރުގެ ގޮތުގައި ހުރެ ކުރި ޓެކުލްއަކާ ގުޅިގެން ދެއްކި ރަތްކާޑެވެ.

މިއީ ފަހުގެ ތާރީޚެއްގައި ބަންގްލަދޭޝް އަތުން ރާއްޖެއަށް ކުރިމަތިވީ ތިންވަނަ ނާކާމިޔާބީއަށެވެ. މާލޭގައި މިދިޔަ ހަފްތާގައި ބަންގްލަދޭޝް އަތުން މޮޅު ނުވެވުނު އިރު ޖޫން ޖުލައިގައި އިންޑީޔާގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެވަނީ ބަންގްލަދޭޝް އަތުން ބަލިވެފައެވެ.