ބޮއްސުން ލާފައިވާ ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ގެންނަން ފަށާފައިވާ ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އެފްއޭއެމްގެ ކަންކަން ދުވަހަކަށް ވުރެން ދުވަހެއް ގޯސްވަމުން ގޮސް، މުޅި ފުޓުބޯޅަ އާއިލާގެ ނުރުހުން އެ އެސޯސިއޭޝަންގެ އިސްވެރިންނަށް ވަނީ އަމާޒުވެފައެވެ. މުވައްޒަފުންނާއި، ކޯޗުން އަދި ކުލަބުތަކަށް ދޭންޖެހޭ ފައިސާ ނުދިނުމާއި، ލޯންތަކަށް ފައިސާ ނުދައްކައިގެން އެތައް މައްސަލަތަކެއް ރާއްޖެ އަދި ބައިނަލް އަގުވާމީ ކޯޓުތަކުގައި ވެސް ކުރިޔަށްދާއިރު، ކުލަބުތަކުގެ ތާއީދާއެކު ބައްސާމް އަދީލް ޖަލީލް އެފްއޭއެމްގެ ރައީސްގެ މަގާމުގައި އަދިވެސް ހުންނަވާނެ ކަން އޭނާ ވަނީ މިފަހުން ހާމަކޮށްފައެވެ.

ބައްސާމްގެ އިސްތިއުފާއަށް ގޮވާލައި ކެމްޕޭންތައް ވެސް ފަށާފައިވާއިރު، އަންނަ އަހަރު އެފްއޭއެމްގެ އިންތިހާބު ބާއްވާނެއެވެ. އެ އިންތިހާބަށް މުޅި ދެކުނު އޭޝިއާގައި ވެސް އެންމެ މޮޅު އެއް ފޯވާޑް، ދަގަނޑޭ ގެ ނަން ގެނައުމަށް މިއަދު ވަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައިފައެވެ. ދަގަނޑޭ އެފްއޭއެމްގެ ރައީސްގެ މަގާމަށް އަންނާނެކަން އޭނާ ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، މި ކެމްޕޭނަކީ އޭނާގެ ބައިވެރިވުމެއް އޮވެގެން ނުވަތަ ބަޔަކު ކޮށްގެން އުޅޭ ކަމެއްކަން އަދި ޔަގީން ނުވެއެވެ.

https://www.facebook.com/61552339562374/posts/pfbid02AAeos5kDYa3qsTxgWKkay7M2KVsGcn2fUXnPPbLcTVar7jaW1ZtDEcEckhoPfgcUl/?mibextid=cr9u03

އެހެން ނަމަވެސް މި ކެމްޕޭނަށް ދިވެހި ފުޓުބޯޅަ އާއިލާގެ ގިނަބައެއްގެ ލޯބި މިހާތަނަށްވެސް ވަނީ ލިބިފައެވެ. ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުލަބުތަކުގެ ބައެއް ކޯޗުން އަދި ފުޓުބޯޅައިގެ އިސްސަފުގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތްތަކުން ވެސް އަންނަނީ އެ ކެމްޕޭނުގެ ޕޯސްޓަރުތައް ޝެއާ ކުރަމުންނެވެ.

އަންނަ އަހަރު އޮންނަ އެފްއޭއެމްގެ އިންތިހާބުގައި ބައްސާމާ ދެކޮޅަށް، ދަގަނޑޭގެ ވަރަށް ގާތް މީހުން ޓީމެއް ހަދައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އަދި ނަން ހާމަ ކުރަން ނޭދޭ ފުޓްބޯޅަ ފެމިލީގެ އިސް މީހަކު ބުންޏެވެ.