ވޯލްޑްކަޕް ކޮލިފައިންގްގެ ޕްލޭ އޮފްގައި މިއަދު ކުޅުނު މެޗުގެ އިތުރު ވަގުތުގައި ގޯލެއް ޖަހައި ބަންގްލަދޭޝްއިން ރާއްޖެ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު ވޯލްޑްކަޕް ކޮލިފައިންގް ރައުންޑް 1 ގައި ރާއްޖެއާއި ބަންގްލަދޭޝް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު މި މަހުގެ 17 ވަނަ ބަންގްލަދޭޝްގައި ކުޅޭ ދެވަނަ ލެގަށްދާއިރު އެ ޓީމަށް ވަނީ ބޮޑު އެޑްވާންޓޭޖެއް ލިބިފައެވެ.
މިއަދުގެ މެޗަކީ ރާއްޖޭގައި ބަންގްލަދޭޝް މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން އެ ޓީމު ބަލިނުވެ މެޗެއް ނިންމާލި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ރާއްޖެއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، އެއް މެޗުން ބަންގްލަދޭޝް އެއްވަރުކުރި އިރު، ރާއްޖެއަށް ބަންގްލަދޭޝް އަތުން މޮޅުވެވުނީ މިދިޔަ އަހަރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުން އެކަންޏެޗެ.\
ބަންގަލްދޭޝްގެ ގިނަ ސަޕޯޓަރުންތަކެއް ދަނޑަށް ވަދެ ސަޕޯޓް ކުރި އެ މެޗު ފަށައިގެން ރާއްޖެއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ކައިރި ކައިރީގައި ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓްގައި އަލީ ފާސިރު (ސެންޓޭ) އަށް ނުރައްކާތެރި ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ގޮސް އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. މެޗުގެ 23 ވަނަ މިނެޓްގައި އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ވެސް ނުރައްކާކުރަން ފުރުސަތު ލިބުނެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
އެ ހާފުގައި ބަންގަލްދޭޝް ޓީމުން ވެސް ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓްގައި ބަންގްލަދޭޝްގެ ކައުންޓަ އެޓޭކް ފުރުސަތުގައި އޭނާ އަށް ލިބުނު ފުރުސަތުގައި ރާއްޖޭގެ ޑިފެންޑަރު ކައިރިން ނައްޓާލައި ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އޭނާއަށް ވަނީ އެ ހާފުގައި ލަނޑުޖަހަން އިތުރު ފުރުސަތުތަކެއް ވެސް ލިބިފައެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. ގިނަ މިސް ޕާސްތަކެއް ދެ ޓީމުންވެސް ފެނުނު އިރު، އެ ހާފުގައި އެންމެ ހުސް ފުރުސަތު ލިބުނީ ސެންޓޭ އަށެވެ. މުޅިން ހުސްކޮށް އަރަރި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބަންގްލަދޭޝްގެ ކީޕަރު މިޓުލް މާމާ އަތުގައި ޖެހިފައި ބޯޅަ ބޭރުވީ ކޯނަރަކަށެވެ.
ރާއްޖެއަށް މެޗުގައި ލީޑު ލިބުނީ 87 ވަނަ މިނަޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ނަޒީމް (ޗޯޓު) އެ ގޯލު ޖެހީ ބަންގްލަދޭޝް ކުޅުންތެރިންނަށް އޭރިއާ ތެރެއިން ބޯޅަ ސާފުކޮށް ނުލެވި އުޅެނިކޮށް ހޯދި ބޯޅައެއްގެ ފައިދާ ނަގައިގެންނެވެ. މިއީ ސީނިއާ ގައުމީ ޓީމަށް ޗޯޓު ޖަހައިދިން ފުރަތަމަ ގޯލެވެ.
ލީޑް ނަގައި ރާއްޖެ އަށް ހިތްހަމަޖައްސާލައިގެން ތިބެވުނީ ކުޑަ ވަގުތުކޮޅެއްގަ އެވެ. ރާކިބް ހުސައިން އޭރިއާ ތެރެއަށް ނަގައިދިން ބޯޅައިން ސާދުއްދީން ބަންގްލަދޭޝް އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.