ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ޔުނައިޓެޑް ކުޅުނު މެޗުތަކުން ބަލިވި އިރު، ފަހަތުން އަރައި ނަޕޮލީ އަތުން ރެއާލް މެޑްރިޑް ކުރި ހޯދައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވި ޔުނައިޓެޑް ރޭ ތުރުކީގެ ގަލަތަސަރާއީ އަތުން ހޯމް ސްޓޭޑިއަމުގައި ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ. މިއީ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑަށް މި ސީޒަނުގައި ލިބުނު ދެވަނަ ބައްޔެވެ. ފުރަތަމަ މެޗުގައި ބަޔާން މިއުނިކް އަތުން ވެސް ބަލިވި އިރު، ރޭގެ ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ގުރޫޕް އޭ ގެ ފުލުގައެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ހޯމް ޓީމުންނެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އަލަށް ގުޅުނު ހޮލުންޑްއެވެ. ބަޔާން މެޗުގައި ވެސް ގޯލު ޖެހި ހޮލުންޑްގެ ގޯލުން ޔުނައިޓެޑުން ލީޑު ނެގިތާ މާގިނައިރުތަކެއް ނުވަނީސް ގަލަތަސަރާއީއަށް ކުޅެމުން އަންނަ ވިލްފްރިޑް ޒަހާ ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ދެވަނަ ހާފުގައި ހޮލުންޑް އަނެއްކާވެސް ޔުނައިޓެޑަށް ލީޑު ހޯދައިދީފައި ވަނިކޮށް ގަލަތަސަރާއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޔުނައިޓެޑަށް މެޗު އިތުރަށް އުނދަގޫވީ އެ ޓީމުގެ މިޑްފީލްޑަރު ކަސެމީރޯއަށް ދެވަނަ ހާފުގެ ތެރޭ ރަތް ކާޑު ދެއްކުމުންނެވެ. ގަލަތަސަރާއީ މެޗުން މޮޅުވީ ނިމެންދަނިކޮށް ކުރިން އިންޓަ މިލާނާއި ޕީއެސްޖީއަށް ވެސް ކުޅުނު މައުރޯ އިކާޑީ ކާމިޔާބު ކުރި ގޯލުންނެވެ.

ޔުނައިޓެޑުގެ މި ނަތީޖާއާއެކު އެ ޓީމުގެ ސަޕޯޓަރުންގެ ފާޑުކިޔުން، ކޯޗު އެރިކް ޓެންހާގުއަށް އަމާޒުކުރަމުން އަންނަ އިރު، ޕްރިމިއާ ލީގުގައި އެ ޓީމުގެ އެއް ވާދަވެރިޔާ އާސެނަލް ރޭ ފްރާންސްގެ ލެންސް އަތުން ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުގެ ކުރީކޮޅު އާސެނަލްގެ ގެބްރިއަލް ޖީސުސް އެ ޓީމަށް ލީޑު ނަގައިދިނެވެ. އެކަމަކު ލެންސްއިން ވަނީ ފަހަތުން އަރައި ދެ ގޯލު ކާމިޔާބުކޮށްފައެވެ.

ލެންސްގެ ގޯލުތައް އެ ޓީމަށް ޖަހައިދިނީ އެޑްރިއެން ތޮމަސަންއާއި އެލީއެ ވާހީއެވެ. ރޭގެ މެޗުގެ ނަތީޖާއާއެކު އާސެނަލް ވަނީ ގުރޫޕް ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ. އެއްވަނައިގައި ލެންސް އޮތީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ އަނެއް މެޗުން މޮޅުވެގެންނެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު، ރެއާލުން ރޭ ނަޕޮލީ އަތުން ކުރި ހޯދީ 2-3 ގެ ނަތީޖާއަކުންނެވެ. ނަޕޮލީގެ ލިއޯ ސްކިރީ އޮސްޓިގާޑް އެ ޓީމަށް ފުރަތަމަ ގޯލު ޖަހައިދީ ލީޑު ހޯދައިދިން ނަމަވެސް ފުރަތަމަ ހާފުފައި ވިނިޝަސް ޖޫނިއާ އަދި ޖޫޑް ބެލިންގްހަމްގެ ގޯލުތަކުން ރެއާލް ވަނީ ލީޑެއް ނަގައިފައެވެ. އެކަމަކު ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއިން ނަޕޮލީ ނަތީޖާ ހަމަހަމަ ކޮށްފައި ވަނިކޮށް ރެއާލަށް ދެވަނަ ފަހަރަށް ލީޑު ލިބުނޫ ނަޕޮލީ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ.