ހިނގަ ހިނގާ ހުރި އެއްވެސް މަޝްރޫއުއެއް ހުއްޓައެއް ނުލާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ، ހިތަދޫ ދެކުނު ޖަގަހަ ޖަލްސާގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެ ނުގޮސް އައްޑޫގައި ތިބެގެން ހިދުމަތް ލިބޭގޮތަށް ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށް ކެތްލެބް ފަދަ ވަސީލަތްތައް ގާއިމްކޮށް ތަރައްގީ ކޮށްދޭނެ ކަމަށެވެ.

އަދި އައްސޭރި ޓޫރިޒަމްގެ މަޝްރޫއުގެ ދަށުން 6000 އެނދު ގާއިމްކޮށް 10000 މީހުންގެ ވަޒީފާ ހޯދައި ދިނުމަކީ އަމާޒެއް ކަމަށާއި ޓުއަރިޒަމްގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އަދި އެކި އެކި އުފެއްދުންތެރިމުގެ ދާއިރާ އިން ވަޒީފާގެ ފުރުސަތުތައްވެސް ހޯދައިދޭނެ ކަމަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު އައްޑޫ ސިޓީ އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ: ހަތާވީސް ފޮޓޯ | މުހައްމަދު އަފްރާހް

މުއިއްޒު ވިދާޅުވީ ޒުވާނުންނާއި ކުޅިވަރަށް ލޯބި ކުރާ ފަރާތްތަކަށް ބޭނުން ކުޅިވަރުގެ ވަސީލަތްތައް ހޯދައިދެއްވާނެ ކަމަށެވެ. އެއަށް ފަހު ވިދާޅުވީ ހުރިހާ މަޝްރޫއުއެއް ބާރު ސްޕީޑުގައި ގެންގޮސް ނިންމައިދޭނެ ކަމަށެވެ.

ޑރ. މުއިއްޒު އައްޑޫ ސިޓީ އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ: ހަތާވީސް ފޮޓޯ | މުހައްމަދު އަފްރާހް

"ހިނގަހިނގާ ހުރި، ފަށާފައި ހުރި، ހުއްޓިފައިވާ، ސޮއިކޮށް ނުފެށި ހުރި، އެ މަޝްރޫއެއް އަޅުގަނޑު އެއަށްވުރެ ބާރު ސްޕީޑުގައި އެކަންކަން ކޮށް ނިންމާނަން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ދެއްވި ޔަގީންކަމަކީ ސިޔާސީ ވަޒީފާއެއް ފިޔަވައި އެއްވެސް ކުންފުންޏަކުން ދީފައިވާ އެއްވެސް ވަޒީފާއަކުން މީހަކު ވަކިނުކުރާނެކަމެވެ. ނަމަވެސް ސިޔާސީ ވަޒީފާތަކަކީ އެއީ ސަރުކާރު ބަދަލުވީމާ ބަދަލުވާ ވަޒީފާތަކެއް ކަމަށާއި އެ ސަރުކާރަކުން އެމީހަކު ބަހައްޓަން ބޭނުންވެއްޖެއްޔާ ބަހައްޓާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުމްރާނީ ތަރައްގީގެ ހުރިހާ މަސައްކަތެއް ހިނގާނެ ކަމަށާއި ނަމަވެސް މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދަނީ އައްޑޫ ރައްޔިތުން އެންމެ އެދޭ ގޮތަކަށް ނޫން ކަމަށެވެ. "އިތުރު މަގުތައް ހެދުމާއި އެކު ސިޓީއެއްގައި ހުންނަ ފެންވަރަށް މި ސިޓީގެ މަގުތައް ހަދައިދޭނަން" މުއިއްޒު ވިދާޅުވިއެވެ.

ގެދޮރުވެރިކަން ޔަގީންކޮށްދިނުމާއި އަތް ފޯރާ ފަށުގެ ލުއި ލޯނުދީގެން ގެދޮރު ބިނާ ކޮށްދިނުމަށް ފަހިކޮށްދިނުމަކީ ޕީޕީއެމް/ޕީއެންސީގެ މައިގަނޑު އެއް އަމާޒު ކަމަށް ވިދާޅުވިއެވެ.