މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކުރަން ޖެހެނީ ތިން ކަމެއް ކަމަށާއި އެ ކަންތައްތައް ކާމިޔާބު ވެއްޖެނަމަ އިންތިހާބު ކާމިޔާބުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެން ހިތަދޫ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތިއްޖާއަށް ފަހު ރަނގަޅު ކުރަންވި ކަންތައްތަކަކީ ކޮބައިތޯ ބައްލަވާފައިވާނެ ކަމަށެވެ. މާޔޫސްވުމުގެ ބަދަލުގައި އެމަނިކުފާނަށް ފެނިވަޑައިގެންނެވީ އުއްމީދެއް ކަމަށާއި ރަނގަޅު ކުރަންވީ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ރަނގަޅު ކުރަން ޖެހޭ ތިންކަމެއް ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ.
އެއް ކަމަކީ "ފަހު" ދުވަހަށް އެކަށީގެންވާ ތައްޔާރު ނުވެވުން ކަމަށެވެ. ފުރަތަމަ ބުރުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު ގިނަ ކަމަށާއި އޭގެ ތެރެއިން ގިނަ ވޯޓުތަކަކީ އެމްޑީޕީއަށް ލިބެންޖެހޭ ވޯޓު ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ވޯޓުލާން މީހުން ނެރުމުގައި ޓްރާންސްޕޯޓްގެ ކަންތައްތައް ހަމަނުޖެހުމާއި ލިސްޓު ރަނަގަޅަށް ބެލިފައި ނެތުމައި ވޯޓުލީ ކޮންބައެއްކަން ރަނގަޅަށް ނުބެލި ހުރުންވެސް ހިމެނޭ ކަމަށެވެ.
" އެކްޒިޓް ޕޯލް ބެލިފައެއް ނެތް. ބައެއް ފޮށިތަކުގައި އަޅުގަނޑުމެންގެ އޮބްވާޒަވަރުން މޮނިޓަރުން ނެތް ފޮށިތައް އެބަހުރި. މިއިކީ ރަނގަޅަށް އިންތިޒާމު ކޮށްލެވުނު ކަމަށް ކުރުވޭނެ ކަންތައްތަކެއް ނޫން" އެމަނިކުފާނު ވިދާޅުވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ ބައެއް ރަށްތަކުން އެމްޑީޕީއަށް މެޖޯރިޓީ ނުލިބުނީ ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތައް ކަމަށެވެ.
"... ވަރަށް ރަނގަޅަށް ހިސާބު ބަލާލީމަ ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެން ދެބައި މީހުން އެއްކޮށްލީމަ މިއުޅެނީ 50 ޕަސެންޓް ކްރޮސްކޮށް، ޕީޕީއެމްއަކަށް އަޅުގަނޑުމެންނާ ހިސާބަކަށް ނާދެވޭ..... މަސައްކަތްކުރަންވީ އަޅުގަނޑުމެންގެ ތެރެއިން ވަކިވެގެން ވަގުތީގޮތުން މިދިޔަ މީހުން އަނބުރާ އަޅުގަނޑުމެންގެއ ތެރެއަށް ގެނައުމަށް'' ދެވަނަ ބުރަށް ބާކީ އޮތް ދެ ދުވަސް ތެރޭގައި އެކަން ކުރެވޭނެ މަންޒަރު ފެނިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތިންވަނަ ކަމަކަށް ފާހަގަކުރެވުނު ކަމަކީ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގާއި ފިތުނަ ގަބޫލުކުރާ ބަޔަކު ތިބުން ކަމަށެވެ. ސަރުކާރުން ކިތަންމެ ރަނގަޅުކަމެއް ކުރިޔަސް އެއީ ގޯހެއް ކަމަށް ދައްކަން ތަކުރާރުކޮށް ވާހަކަ ދައްކާކަމަށްވަނަމަ އެކަން ގަބޫލުކުރާ ބަޔަކު ތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"... މި ވޭތުވެދިޔަ 16 ދުވަސް ތެރޭގައި މީގެ ހަގީގަތް ހާމަކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްކުރެވިއްޖެ. ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ކުރަންވީ އެންމެ މުހިއްމު އެއް ކަމަކީ .. މީގެ ހަގީގަތް ހާމަކުރުން" ރައީސް ވިދާޅުވިއެވެ.