އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ގެކޮޅު، ޅ. ހިންނަވަރު، ނޫރާނީއާގޭގައި ކުއްޔަށް އުޅުނު ކަމަށް ބުނެ އަންހެނަކު ދައްކާފައިވާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ދޮގުކޮށްފިއެވެ.

ޕީޕީއެމްގެ އެކްޓިވިސްޓަކު ސޯޝަލް މިޑީއާއަށް ދޫކޮށްލާފައިވާ ވީޑިއޯއެއްގައި އަންހެނަކު ބުނީ އޭނާއަކީ ހިންނަވަރު މީހެއް ކަމަށެވެ. ތިން ދަރިންގެ މަންމައެއް ކަމަށް ބުނެ، އެ ވީޑިއޯގައި އަންހެން މީހާ ބުނީ މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ ކަމަށާއި އަމިއްލަ ރަށުގައި ވެސް އުޅުނު ދުވަސްވަރު އުޅުނީ ކުއްޔަށް ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގޭގައި ވެސް އަޅުގަނޑުމެން އުޅުނިން ކުއްޔަށް. އަޅުގަނޑު އަދިވެސް ހަނދާން އެބަހުރި ކުއްޔަށް އުޅުނު ހަނދާން،" ރައީސް ސާލިހަށް ދެ ވަނަ ދައުރެއް ދޭން ނުފެންނަ ކަމަށް ބުނެ، ވާހަކަ ދެއްކި އަންހެން މީހާ ބުންޏެވެ.

ކަމުގެ ހަގީގަތް އޮޅުއްފިލުވައިދިނުމުގެ ގޮތުން ރައީސްގެ އެއްބަނޑުއެއްބަފާ ދައްތަ، އައިޝަތު މުހައްމަދު ސާލިހު ފޭސްބުކްގައި ކުރެއްވި ޕޯސްޓް

އޭނާގެ އެ ވާހަކަތަކާ ގުޅިގެން ރައީސް ސާލިހުގެ އެއްބަނޑުއެއްބަފާ، އައިޝަތު މުހައްމަދު ސާލިހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވީޑިއޯގައި ފެންނަ އަންހެން މީހާ ދެއްކި ވާހަކަތަކައި ގުޅިގެން ގިނަ ބަޔަކު ސުވާލުކުރަމުން އަންނަ ކަމަށެވެ.

"...އެ ބޭފުޅުންނަށް ޖަވާބެއް އަރުވަން. މި އަންހެންމީހާ މި ހަދަނީ ކަނޑައެޅިގެން ބޮޑު ދޮގެއް،" މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމު އަދާކުރައްވަމުން ގެންދަވާ އައިޝަތު ވިދާޅުވިއެވެ.

"ހިންނަވަރު ނޫރާނީ އާގެޔަކީ އަޅުގަނޑުމެން އެއްބަޑު އެއްބަފާ 11 ބެއިން ފަހުވެރިކަމާއިކު ރަޖިސްޓްރީ ވެފައިވާ ދާއިމީ އެޑްރެސް. މީ ދުވަހަކުވެސް ކުއްޔަށް ދިން ގެއެއް ނޫން. އަޅުގަޑުމެން އުފާވެރި ކަމާ އެކު ދިރިއުޅެނީ އަމިއްލަ މަސައްކަތް ކޮށްގެން ހޯދާ އާމްދަނީ އިން،" އައިޝަތު ވިދާޅުވިއެވެ.

ދޮގުތައް ހަދައިގެން އާހިރުގަ ލިބޭނެ މޮޅެއް އަދި ކާމިޔާބީއެއް ނޯންނާނެކަމަށް ޕޯސްޓު ނިންމާލަމުން އައިޝަތު ސޯލިހު ވިދާޅުވިއެވެ.

އެ ވީޑީއޯ އަށް ރައްދު ދެއްވަމުން ރައީސް ސޯލިހުގެ ކޮއްކޯފުޅު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު (ނިޔާ) ވިދާޅުވީ އެ ގެކޮޅަކީ ދުވަހަކު ވެސް ބަޔަކު ކުއްޔަށް އުޅުނު ގެޔެއް ނޫން ކަމަށާއި އަދި ކުއްޔަށް ދީފައިވެސް ނުވާނެ ކަމަށެވެ.

"ދޮގުފެތުރިޔަސް މީ ބޮޑުވަރު." ނިޔާ ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ގެކޮޅު، ޅ. ހިންނަވަރު، ނޫރާނީއާގެ-- ފޮޓޯ/ ހުސައިން ހަސަން

ރައީސް ސާލިހާ ދެކޮޅަށް ވާހަކަ ދައްކަމުން، އެ އަންހެން މީހާ އެ ވީޑިއޯގައި ބުނެފައި ވަނީ އެމްޑީޕީގެ އެތައް ބައެއްގެ ޝަކުވާ އަޑުއަހާފައި ނުވާ ކަމަށާއި އައްޑޫ ސިޓީ ހުޅުދޫއިން އޭނާގެ ފިރިމީހާއަށް ގޯތިލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ގޯތި ލިބިފައިނުވާ ކަމަށް އޭނާ ބުނެފައިވެއެވެ.