އަންނަ މަހުގެ އެއްވަނަ ދުވަހަށް [އޮކްޓޫބަރު 1] އަލިވިލިގެން ދާނީ މިނިވަން ޖައްވަކަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މާލޭގެ ގިރާވަރު ކޮމިއުނިޓީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ މާފަންނު މަދަރުސާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހަށް އަލިވިލިގެން ދާނީ ދިވެހިންގެ ރާއްޖެއަކަށް ދިއުމަށް ފެށޭ ފުރަތަމަ ދުވަހަށް ކަމަށެވެ. ["ދިވެހީންގެ ރާއްޖެ" އަކީ ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގައި ބޭނުންކުރާ ޝިއާރެވެ.]
މުއިއްޒު ވިދާޅުވީ ދިވެހިންނަށް މިއަދު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށެވެ. ލޯ މަރާލެވިގެން ނުވާނެ އެތައް ކަމެއް ލޯ ކުރިމަތީގައި ހިނގަމުން އަންނަ ކަމަށް ވިދާޅުވެ، މުއިއްޒު ވިދާޅުވީ ދިވެހިންގެ މިނިވަންކަމަކީ ބީވެގެންދާ އެއްޗެއްގެ ގޮތުގައި ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މި މަންޒަރު. އަޅުގަނޑުމެންނަކީ ދިވެހި ލޮބުވެތި ރައްޔިތުން. މިއަދު އަޅުގަނޑުމެންނަށް މިތަނަށް އައިސް މިހާ އޮމާންކޮށް މިހާ އަމާންކޮށް ސުލްހަވެރިކޮށް މި ތިބެވެނީ އެތައް އަހަރެއް ކުރިން އަޅުގަނޑުމެންގެ އަބުތާލުން އެތައް ފަހަރެއްގެ މަތީން އަޅުގަނޑުމެންގެ ރާއްޖެ ބީވެގެން ދިއުމުން ދިވެހީންގެ ރާއްޖެ ދިވެހީންނަށް އަނބުރާ ހޯދައިދިން ކަމަށްޓަކައި،" މުއިއްޒު ވިދާޅުވިއެވެ.
މިއަދު ރާއްޖޭގެ މިނިވަންކަމަށް ދިމާވެފައިވާ ކަންކަމުން ރާއްޖެ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިމަހުގެ 30ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނަ ދުވަހަކީ އެކަން ކުރުމަށް ދިވެހި ރައްޔިތުންނަށް ބާރު ލިބިގެންދާނެ ދުވަސް ކަމަށާއި އެއީ ގައުމުގެ މުސްތަގުބަލު ކަނޑައެޅުމުގެ ބާރު ދިވެހިންނަށް ލިބިގެންދާ ދުވަސް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހީންގެ ރާއްޖެ އަކަށް ދިއުމަށް އަޅާ ފުރަތަމަ ފިޔަވަޅަކީ މިމަހުގެ 30ވަނަ ދުވަހު ވޯޓު ކަރުދާހުގައި ޖެހިގެންދާ ފާހަގަ ކަމަށެވެ. މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ލިބޭ މަދު ފައިސާ ކޮޅަކަށް ނުވަތަ ކުންފުންޏަށް ލިބޭ ޕްރޮޖެކްޓުތަކަކަށް ގައުމުގެ މިނިވަންކަން ވިއްކާލާހާ "ޗީޕް" ބަޔަކަށް ނުވުމަށް އިލްތިމާސް ކުރައްވާފައެވެ.