ދޮށީ އުމުރުގެ މީހުންނަށް މިހާރު ދެމުން އަންނަ 5،000 ރުފިޔާ 7،000 ރުފިޔާއަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިރޭ ވިދާޅުވެއްޖެއެވެ.

ދުވަސްވީ މީހުންގެ އިނާޔަތަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދެއްވަން ފެއްޓެވި އިނާޔަތެކެވެ. އެންމެ ފުރަތަމަ ދޭން ފެށީ 2،000 ރުފިޔާއެވެ. އެއަށްފަހު ރައީސް ޔާމީންގެ ސަރުކާރުގައި އެ އަދަދު 5،000 ރުފިޔާއަސް ވަނީ މަތިކޮށްފައެވެ.

އެ އަދަދު މިހާރު ކުޑަކަމަށް ފާހަގަކޮށް، ޝަކުވާ ލިބެމުންދާ ކަމަށް ވިދާޅުވެ ރައީސް މިރޭ ވިދާޅުވީ ދޮށީ އުމުރުގެ މީހުންގެ އިނާޔަތް 7،000 އަށް ބޮޑު ކުރައްވާނެ ކަމަށެވެ.

ހުވަދޫ ޖަގަހަ ހުޅުވުމަށް މާވެޔޮ މަގުގައި މިރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ވަޒީފާތަކުން ރިޓަޔާކުރާ އުމުރު 65 އިން 70 އަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި 65 އަހަރުވުމުން ލިބޭ އިނާޔަތް 7،000 އަށް ބޮޑުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މިރޭ ވިދާޅުވީ މީހުން ދިރިއުޅޭ ގެތަކުން، ވަކި ވަރަކަށްވުރެ އިތުރަށް ބޭނުން ކަރަންޓު ބޭނުން ކުރިޔަސް، ކަރަންޓު ބިލު ބޮޑުނުވާނެ ގޮތަށް "ފްލެޓް ރޭޓެއް" ކަނޑައަޅުއްވާނެ ކަމަށެވެ.

މީގެ އިތުރުން ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ވެސް ރައީސް ވައުދެއް ވެވަޑައިގެންނެވިއެވެ. އެގޮތުން އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް ލިވިން އެލަވަންސްގެ ގޮތުގައި 7،000 ރުފިޔާ ދެއްވާނެ ކަމަށެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ކޮވިޑް19ގެ އާލަމީ ވަބާގެ ތެރޭގައި ބައެއް ލޯނުތައް ދޫކުރެއްވިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ ލޯނުތަކުގެ އިންޓްރެސް ދެން ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އިންޓްރެސް ދައްކާފައިވާ މީހުންނަށް އަނބުރާ އެ ފައިސާ ދެއްވާނެ ކަމަށެވެ.

"އަދި ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު، މިހާރު އޮތް 10 އަހަރު އިތުރަށް އަޅުގަނޑުމެން ދަންމާލާނަން،" ރައީސް ސާލިހު ވިދާޅުވިއެވެ.