މި ސަރުކާރުން ކުރިޔަށް ގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިޔަށްދާ ސްޕީޑާ މެދު ފާޑު ވިދާޅުވެ، އެ ބްރިޖުގެ މަސައްކަތް ވެސް ނިންމާނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ރ. ހުޅުދުއްފާރަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުން ކުރާ ކަންތައްތަކަށް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތަކާއި ގައުމުގެ މިނިވަންކަމާއި ގުޅިގެން މި ސަރުކާރުން ކުރިޔަށް ގެންދާ އެއްވެސް ކަމަކަށް ޖަވާބު ލިބިގެން ނުދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ތެރޭގައި 30 މިލިއަން ރުފިޔާ އަށް ގެންނަން ނިންމި ވެންޓިލޭޓަރުތައް އަދިއަދަށް ދާންވެސް ނުލިބޭ ކަމަށެވެ. އެ ފައިސާ އަށް ވީ ގޮތެއް ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ދެން މުއިއްޒު އަލިއަޅުވާލެއްވީ ތިލަމާލެ ބްރިޖުގެ މަސައްކަތަށެވެ. ވިދާޅުވީ އެއީ 700 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށާއި މިހާރު އޭގެތެރެއިން 190 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާ ކަމަށެވެ. އެ އަދަދަށް ހަރަދުވެގެން ދިޔައިރު އެ ބްރިޖުގެ އެއްވެސް މަސައްކަތެއް ރައްޔިތުންނަށް ނުފެންނަ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ފާޑު ވިދާޅުވެފައެވެ.
"އެންމެ ތަނބެއްވެސް ފެންނަން ނެތެއް ނޫންތޯ. އެކަމަކު އަޅާ ކިޔުއްވާ. ރައީސް ޔާމީންގެ ސަރުކާރުގައި މާލެ އާއި ހުޅުލެއާ ދޭތެރޭ އަޅާފައިވާ ބްރިޖު، އެއީ ވެސް 190 މިލިއަން ޑޮލަރު. 190 މިލިއަން ޑޮލަރު ހަރަދު ކޮށްގެން އެއޮތީ ބްރިޖު ފެންނަން. މި ސަރުކާރުން އަޅާ ބްރިޖު 190 މިލިއަން ޑޮލަރަށް ވީގޮތެއް ވެސް ނޭނގެ ބްރިޖުވެސް ނޭނގެ،" ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މި ސުވާލުތަކުގެ ޖަވާބުތައް ނުދީ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން އައުމުން ރައްޔިތުން ސުވާލު ކުރަން ޖެހޭ ކަމަށެވެ.
"ބްރިޖުގެ އެންމެ ތަނބެއް ވެސް ނެތެއް ނޫންތޯ ފެންނާކަށް. އެކަމަކު ވިދާޅުވިއެއް ނޫންތޯ ޖުލައި މަސް ތެރޭގައި ދުއްވޭނޭ. ފެރީގައި ދުއްވޭ. އެކަމަކު ބްރިޖު މައްޗަކު ނުދުއްވޭ. އެކަމަކު 190 މިލިއަން ޑޮލަރު ހަރަދު ކޮށްފި،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަޝްރޫއު ވެސް ހަމަ މަގަށް އަޅުވައިގެން އެ މަޝްރޫއުގެ އުފާ ފާގަތިކަން ރައްޔިތުންނަށް ފޯރުކޮށްދޭން އެ މަސައްކަތް ނިންމާނީ އޭނާގެ ސަރުކާރުން ކަމަށެވެ.
އެހެންކަމުން މުއިއްޒު ވަނީ މިމަހުގެ 30ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވެސް ސަރުކާރާއި ދެކޮޅަށް ވޯޓު ދޭން ޖެހޭ ކަމަށެވެ.