ކައުންސިލްތައް ރެގިއުލޭޓު ކުރުމަށް ހާއްސަ މިނިސްޓަރެއް ބަހައްޓަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ މީގެކުރިން އޮތް ކަތީބުންގެ ނިޒާމު އަނެއްކާވެސް ގާއިމް ކުރުމަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ދޮގުކޮށްފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ޑރ. މުއިއްޒުގެ ތަރުޖަމާން ތޮލާލް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ބައެއް ފަރާތްތަކުން ޑރ. މުއިއްޒު ދައްކަވާ ވާހަކަތައް ވަރަށް ބޮޑަށް އޮޅުވާލައިގެން ދޮގު ފަތުރަމުން އަންނަ ކަމަށެވެ.
އެގޮތުން ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވަން އެމަނިކުފާނު ވިދާޅުވެފައި ވާތީ، އެއީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ކުރާ މަސައްކަތެއްގެ ގޮތަށް ވާހަކަ ދައްކަމުން އަންނަ ކަމަށާއި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށް ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ އެލްޖީއޭ ވެސް އަދި ސަރުކާރުގެ އެހެން އެއްވެސް ކުންފުންޏެއް ޑރ. މުއިއްޒު އުވާ ނުލާނެ ކަމަށާއި އެއްވެސް ކުންފުންޏެއް އަދި އޮފީހެއްގެ މުވައްޒަފުންނަށް ދެރަވާނެ ޒާތުގެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
ވެރިކަމަށް މުއިއްޒު ވަޑައިގަންނަވަނީ އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ކުރާކަށް ނޫން ކަމަށާއި މި ސަރުކާރުން ވަޒީފާ ދީފައި ހުރި ނަމަވެސް އެއިން އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވާފައިވާނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.
"އެލްޖީއޭ އަކީ ގާނޫނީ މުއައްސަސާއެއް، ގާނޫނު ބުނާ ގޮތުން އެލްޖީއޭ ބަލަހައްޓަނީ ވަޒީރެއް. އެހެންވީމަ އެ ވަޒީރު މިނިސްޓަރ އޮފް ލޯކަލް ގަވަރުމަންޓު ވިއަސް އަދި ކޮންމެ ނަމެއް ކީ ކަމުގައިވިއަސް އެ ވަޒީރު މި އައްޔަން ކުރައްވަނީ އިތުރު މިނިސްޓްރީއެއްގެ ތެރެއިން،" ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވަނީ އެކަން ކުރައްވަން މުއިއްޒު ނިންމެވީ ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ.
"ކަތީބު ނިޒާމު އަނބުރާ ގެންނަނީއެއް ނޫން، އެހެންނަމަވެސް މިނިސްޓްރީއެއް އުފައްދާފައި އެ މިނިސްޓްރީގެ ދަށަށް އެ މިނިސްޓްރީގެ ދަށަށް ބައެއް ކަހަލަ ކަންކަން ގެންގޮސްފައި އަދި އެލްޖީއޭ ޒިންމާވާ މިނިސްޓަރަކީ މި މިނިސްޓަރުކަމުގައި ހަމަޖައްސަވައިގެން މަސައްކަތްތައް ހަރުދަނާކޮށް އަވަސް ކުރުން....،" ތޮލާލް ފާހަގަކުރެއްވިއެވެ.
ނިޒާމީ ވޯޓާ ގުޅޭ ވާހަކަތަކުގައި އޮޅުންތަކެއް، ތޮލާލް ސާފުކޮށްދެއްވި
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތޮލާލް ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކަ އޮޅުން އަރާ ގޮތަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާކަން ފާހަގަ ކުރައްވާފައެވެ.
އެއްވެސް އިރެއްގައި ޕީޕީއެމް/ޕީއެންސީ އަކީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރާ ޕާޓީއެއް ނޫނެވެ. އެ ދެޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަކީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ބޭފުޅަކަށްވީ ނަމަވެސް ރާއްޖެ ކަހަލަ ގައުމަކަށް އެ ނިޒާމަކީ ކަމުދާނެ ނިޒާމެއް ކަމަށް ރައީސް ޔާމީން ގަބޫލެއް ނުކުރައްވައެވެ.
ތޮލާލް ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް އެ ދެ ޕާޓީ އަށް މައްސަލައެއް ނެތް ކަމަށެވެ.
އެހެންނަމަވެސް އެއީ އެ ދެޕާޓީން ނިޒާމާ ގުޅޭ ގޮތުން ނިންމާފައިވާ ސްޓޭންޑް ބަދަލުވުން ނޫން ކަމަށް ތޮލާލް ވިދާޅުވިއެވެ.
"ނިޒާމީ ވޯޓާ ގުޅިގެން އަޅުގަނޑުމެން ދެ ޕާޓީގެ ސްޓޭންޑު ވެސް ބަދަލު ނުވާ ވާހަކަ. ހަމަ ފެށުނީއްސުރެ އަޅުގަނޑުމެން ގެންގުޅޭ ސްޓޭންޑު އަދި ރައީސް ޔާމީން ގެންގުޅުއްވާ ސްޓޭންޑުކަން އޮތީ،" ތޮލާލް ވިދާޅުވިއެވެ.