މިމަހުގެ 30ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށްޓަކައި ކެމްޕެއިންގެ އެކި މަގާމުތަކަށް ކަނޑައަޅާފައިވާ ބައެއް ފަރާތްތައް ބަދަލުކޮށްފައިވާ ކަމަށާއި އަދި ދެވަނަ ބުރު ފަސޭހަ ކަމާއެކު ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވާތީ ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް މަސީހް ރައްދު ދެއްވައިފިއެވެ.
ދާދިފަހުން ސޯސަން ޖަގަހާގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވަނީ މިފަހަރުގެ އިންތިހާބު ފުޓުބޯޅަ މެޗެއްގެ ގޮތުގައި ސިފަ ކުރައްވާ ވާހަކަދައްކަވާފައެވެ.
"އަޅުގަނޑުމެން މިއަދު މިތިބީ އެގޮތަށް ބަލާ ނަމަ ތިނެއް އެކެއްގެ ތަފާތެއްގައި. އިރާދަކުރެއްވިއްޔާ ދެވަނަ ހާފުގައި އަޅުގަނޑުމެން ނިކުމެ އެވަރަށް ހަމަކޮށް އިތުރަށް ދެ ލަނޑު ޖަހާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަސް ލަނޑު ތިން ލަނޑުން މި މެޗު ކާމިޔާބު ކުރާނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހާފް ޓައިމްގައި ޓީމު އަތުރާލާފައިވާ ކަމަށެވެ. ހެދުނު ގޯސްތައް ވެސް ރަނގަޅު ކޮށްފައިވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ ބައެއް ދިމަދިމާލަށް ކުޅޭ ކުޅުންތެރިން ބަދަލުވެސް ކޮށްފައި ވާނެ ކަމަށެވެ.
މާލޭގެ ފުވައްމުލަކު ޖަގަހަ ހުޅުވުމަށް ރޭ މާލޭގައި އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަސީހް ވަނީ ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ 11ގައި ތިބި ކުޅުންތެރިންނަށް އެކަނި ބަލާލި ނަމަވެސް އެމްޑީޕީ އަށް އެންމެ ލަނޑެއް ވެސް އިތުރަށް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު އެބޭފުޅުންނަށް [އެމްޑީޕީ] އަށް ދަންނަވާލަން އޮތީ... މިހާރު ތި މާޔޫސްވެފައި ތިބި ގޮތަށް ރާއްޖޭގެ އެހެން ދިމާލަކަށް ވަޑައިނުގެން ތިގޮތަށް ތިއްބަވާށޭ. އިރާދަކުރެއްވިއްޔާ ދެން އެންމެ ލަނޑެއް ވެސް ނުޖެހޭނެއޭ މިކޮޅަކަށް،" މަސީހް ވިދާޅުވިއެވެ.
މަސީހް ވިދާޅުވީ އިންތިހާބަށް ނިކުތްއިރު ރައްޔިތުންނަށް އެމްޑީޕީން ވިސްނައި ދީފައި އޮތީ އެޕާޓީ އަކީ ބަލި ކުރެވޭނެ ޕާޓީއެއް ނޫން ކަމަށެވެ. ނަމަވެސް މައިދާނަށް ނިކުތުމުން އެނގިގެން ދިޔައީ އެއީ ވަރަށް އާދައިގެ ޓީމެއް ކަމަށެވެ.
"ވަރަށް އޯޑިނަރީ ޓީމެކޭ އަޅުގަނޑުމެން ޓީމާއެކު އެއްގޮތަކަށް ވެސް ހިފަހައްޓާނުލެވޭނެއޭ،" 17ވަނަ މަޖިލީހުގެ ރައީސްކަން ކުރެއްވި މަސީހް ވިދާޅުވިއެވެ.
ކާން އެޅުމުން، ހޮރުން ނުކުމެގެން އައީ ދޯ؟ މިއޮތް ހާ ދުވަހު، ޔާމީން ޖަލުގައި އޮތް އިރު ކަލޭ ކޮބޯ؟ ވެރިކަން ލިބޭނެހެން ހީވީމަ، ނުކުމެ ކީކޭ ތި ކިޔަނީ. މުއިއްޒު ކައިރީގައި މި އުޅެނީ ހަމަ އަމިއްލަ އެދުމައިގެން އުޅޭ މީހުން. ހުސް އަނިޔާވެރިން.
އަހައްމަދު