މިއަދު ހުޅުމާލެ ފޭސް ދޭކަށް ފަސްޓު ލޭޑީ ފަޒްނާ އަހުމަދު ވަޑައިގެންނެވުމުން އެކަމަނާ އަށް ފުރުއްސާރައާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. ހިޔާގައި ދިރިއުޅޭ ރައްޔިތުންނާ ފަޒްނާ ބައްދަލުކުރައްވަން ފްލެޓްތަކަށް ވަޑައިގަންނަވަން މަސައްކަތް ކުރުމުން ޕީޕީއެމްގެ ސަޕޯޓަރުން ވަނީ އެކަމަނާ އަށް ހުރަސް އަޅާފައެވެ. އަދި ބޭއަދަބީ ބަސް އެކަމަނާއާ ރައްދުކުރައްވާފައެވެ. އެގޮތަށް ފަސްޓު ލޭޑީއާ ދިމާކުރުން އެއީ ގިނަ ބަޔަކު ދެކޭ ގޮތުގައި ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ.

މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ބަޔަކަށްވެސް މިނިވަންކަމާއެކު ކެމްޕޭނު ކުރެވެން ޖެހޭ ކަމަށެވެ. "ހިޔާ ފްލެޓް ސަރަހައްދަކީ ވަކި ބައެއްގެ ބާރުހިނގާ ސަރަހައްދެއް ނޫން،" އިލްހާމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ސަޕޯޓަރެއް ކަމަށްވާ ޝައްމަ ކުރި ޓްވީޓެއްގައި ބުނީ ހިޔާ ގައި އުޅޭ ގިނަ މީހުންނަކީ އެހާ ނާތަހުޒީބު ބައެއް ނޫން ކަމަށެވެ. "މާ މައްޗަށް ދަންޏާ މުޅި ހިޔާ ކޮމިއުނިޓީ މި ގުންޑށ ގްރޫޕުއާ ދެކޮޅަށް ނުކުންނާނެ" އޭނާ ކުރި ޓްވީޓުގައި ބުންޏެވެ.

''ހިޔާ ފްލެޓު ތަކަކީ ޔާމިންގެ ތަރިކަ މުދާތަ" ފަސްޓު ލޭޑީއާ ''ދިމާކޮށްލުން '' ކުށްވެރިކުރަމުން އަމްމު ވަހީދު ކިޔާ އައިޑީއަކުން ކުރި ޓްވީޓެއްގައި ބުންޏެވެ.

އައިސްތު ކިޔާ މީހަކު ކުރީ ޓްވީޓެއްގައި އޭނާ ސިފަކުރީ އެކަމަކީ ''ކުޑަކުދިން'' ކުރާ ޒާތުގެ ކަމެއް ކަމަށެވެ. ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ހިޔާ ސަރަހައްދުން ފެނުނު މަންޒަރަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ހޮވިއްޖެނަމަ "ރާއްޖެ އޮންނާނެ ގޮތުގެ މަލަމަތި" ކަމަށެވެ. "އެމްޑީޕީ ރިޔާސީ ކެމްޕޭނު ގައި ހިޔާ ފްލެޓް ސަރަހައްދަށް ދިޔާމަ ކަންކުރާ ގޮތް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ ވިދާޅުވިއެވެ.

ހިޔާލުފަޅުކުރުމުގެ މިނިވަންވަންކަމަކީ ވަރަށް ބުރަ މަސައްކަތްކޮށްގެން ހޯދި ހައްގެކަން މާރިޔާ ފާހަގަކުރެއްވިއެވެ.މިއީ ޕީޕީއެމުން އެމްޑީޕީގެ ކެމްޕޭނަށް ހުރަސްއެޅި ފުރަތަމަ ފަހަރެއް ނޫނެވެ. އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި ރައީސް ސޯލިހު ރަށްރަށަށް ވަޑައިގެންނެވުމުންވެސް އިދިކޮޅު ފަރާތްތަކުން ވަނީ ހުރަސްއަޅައި ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައެވެ.