ރާއްޖޭން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާން ނިންމުމާއެކު މިފްކޯއިން މަސް ގަންނަ އަގު 25ރ. އަށް ބޮޑުކުރުމަށް ނިންމައިފިއެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިން ބާނާ މަހަށް ހަމަ އަގެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުން އައި މަސައްކަތްތަކުގެ ތެރެއިން، 16 ސެޕްޓެންބަރު 2023 އިން ފެށިގެން، މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ބޮޑުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައިވާ ކަމަށެވެ.

އެ ނިންމެވުން ނިންމަވާފައިވަނީ މަސްވެރިންގެ އިތުރުން މި ސިނާއަތުގައި މަސައްކަތްކުރާ ތަފާތު އެކި ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު، ކަމާބެހޭ އިދާރާތަކުގެ ލަފަޔާ އިރުޝާދުގެ މަތިން ކަމަށް މިފްކޯއިން ބުންޏެވެ.

އެގޮތުން މާދަމާއިން ފެށިގެން، މިފްކޯއިން މިހާރު މަސްވެރިންގެ އަތުން 17 ރުފިޔާއަށް ގަންނަމުންއައި މަހުގެ އަގު، 25 ރުފިޔާއަށް އިތުރުކުރުމަށް ނިންމަވާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

ސަރުކާރުން ވަނީ ކޮވިޑްގެ ދަތިތަކުން އަރައިގަނެ، މަސްވެރިކަމުގެ ސިނާއަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރެވޭނެ ގޮތަށް 2022 ގައިވެސް މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކޮށްފައިވެއެވެ.

މަސްވެރިންގެ އަތުން ކިރުވޭ މަސް އިތުރުކުރުމަށްޓަކައި މިފްކޯ ފްލީޓަށް ހަތަރު ރީފާ އަދި ކަލެކްޓާ ވެސެލްވެސް ވަނީ މިދިޔަ ފަސް އަހަރު ތެރޭ އިތުރުކޮށްފައެވެ.

މި ނިންމުމާއެކު މަސްވެރިންނަށް އިތުރު ހިތްވަރެއް ލިބި، ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބުމާއެކު ދިވެހި މަސްވެރިކަމުގެ ސިނާއަތަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުންޏެވެ.

ސަރުކާރުން އިންތިހާބަށް ހުށަހެޅި މެނިފެސްޓޯގައި މަސްވެރިކަން ކުރިއަރުވަން ގިނަ ކަންތައްތަކެއް ރާވާފައިވެއެވެ.

އޭގެ ތެރޭގައި މަސް އޮޑިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ދޭ ލޯނު ސްކީމް އިތުރަށް ލުއިފަސޭހަކޮށް، ފުޅާކޮށް، މަސްވެރިންނަށް ހާއްސަކޮށް މައިކްރޮފައިނޭންސިން ފެސިލިޓީއެއް ތައާރަފްކުރުމާއި ބޭންކުތަކުންދޭ ލޯން ޕްރޮޑަކްޓްތައް މަސްވެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

ދިވެހި މަސްއޮޑި ފަހަރު ޒާމާނީ ފެންވަރަށް ގެނެސް، ބާނާ މަހުގެ ތާޒާކަން ހިފަހައްޓައި ގިނަ ދުވަހު ކަނޑުމަތީގައި އުޅެވޭނެ ވަސީލަތްތަކާއެކީ ފިފްތު-ޖެނެރޭޝަން މަސް ދޯނި ފަހަރު ބަނުމަށް ލޯން ސްކީމް ތައާރަފްކުރާނެ ކަމަށްވެސް މެނިފެސްޓޯގައިވެއެވެ.

މަސްވެރިކަމުގެ ދެމެހެއްޓެނިވިކަން ރަމްޒުކޮށްދޭ ލޭބަލެއް ހަދާ، ބޭރުގެ ސަޕްލަޔަރުން ބަލައިގަންނަ ބްރޭންޑިންއެއް ތައާރަފްކޮށް، ކަސްޓަމްސް އިން ލިބޭ އާމްދަނީގެ އިންސައްތައެއް ކަނޑައަޅާ ދުނިޔޭގެ ފެންވަރުގައި މާކެޓް ކުރުމަށްޓަކައި އެކްސްޕޯޓް ޕްރޮމޯޝަން ބޯޑެއް ގާއިމުކުރާނެ ކަމަށް ހިމަނާފައިވާއިރު ގޭގައި މަސައްކަތްކުރާ ފަރާތްތަކުން ތައްޔާރުކުރާ މަހުގެ ބާވަތްތަކުން ލިބޭ މަންފާ އިތުރުކުރުމުގެ ގޮތުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން މެދުވެރިކޮށް މާކެޓް ކުރުމަށް ހާއްސަ ޕްރޮޑަކްޓް ލައިނެއް ތައާރަފްކުރަން ވަނީ ނިންމާފައެވެ.