ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ކެނޑިޑޭޓުންގެ ޕާޓީއާއެކުވެސް މަޝްވަރާ ކުރެވުނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ބެހޭގޮތުން ކަމަށާއި، އަދި އެއްވެސް ޕާޓީއަކުން އެކަމުގައި ޖަވާބެއް ދީފައި ނުވާ ކަމަށް ދަ ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި އިލްޔާސް ލަބީބް ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިން އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ވާދަކުރާ ދެ ކެނޑިޑޭޓުން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވާ ޕާޓީތަކާއެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން އެ ޕާޓީއިން ދެ ކެނޑިޑޭޓުންނަށްވެސް ޑިމޮކްރެޓްސްއިން ހުށައަޅާފައިވަނީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެއްބަސްވުމަށެވެ.
ޑިމޮކްރެޓްސްއިން އެމްޑީޕީއާއެކު ކުރިއަށް ދިއުމަށް ކުރި މަޝްވަރާތަކުގައި މި މަހުގެ 25 ގައި ނިޒާމް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހުށައަޅައިފައެވެ. ރައީސަށް ގާނޫނު އަސާސީއިން ލިބިދޭ ބާރަކުން އެކަން ކުރެވޭނެ ކަމަށް ވިދާޅުވެ ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ އެ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ދެ ޕާޓީއަށް ވެސް ނިޒާމް ބަދަލުކުރަން ހުށައަޅާފައިވާ ކަމަށާއި، އަދި އެއްވެސް ޕާޓީއަކުން އެކަމުގައި ގޮތެއް ނުނިންމާ ކަމަށެވެ.
"ދެވަނަ ބުރުގެ ކުރިއަށް ނިޒާމީ ވޯޓެއް ނަގަން، އެއީ ފެންނަ ނުފެންނަ ވޯޓެއް ނަގަން. ފެންނަ ނުފެންނަ ވޯޓުގައި އަޅުގަނޑުމެން އެދޭ ކަމަކީ ރާއްޖޭގައި އޮންނަ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވޯޓެއް ނެގުން 25 ސެޕްޓެމްބަރުގައި. މި ދެންނެވި ހުށައެޅުން ވާނީ އެމްޑީޕީއަށްވެސް ހުށައަޅާފައި. އަދި ޕީޕީއެމްއަށް ވެސް ވާނީ ހުށައަޅާފައި،" ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ މިހާތަނަށް ކުރެވުނު މަޝްވަރާތަކަށް ބަލާއިރު، އެމްޑީޕީއިން ޑިމޮކްރެޓްސްގެ ހުށައެޅުމަށް އެއްބަސް އަދި ދެބަސްވެސް ނުވާ ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމްއާއެކު މިވަގުތު މަޝްވަރާ އޮތީ ހުއްޓުމަކަށް އައިސްފައި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އޭގެ ސަބަބަކީ ޕީޕީއެމުން މަޝްވަރާ ކުރަން ބޭނުންވަނީ އެއްވެސް ލިޔުމެއްގައި ސޮއިކޮށްގެން ނޫން ކަމަށާއި، މަޝްވަރާގައި ނިންމޭ ކަންކަމަކީ ލިޔުމުން ދައްކަން ނުލިބޭ އެއްޗަކަށްވާނަމަ އެކަމުގެ ސައްހަކަމާ މެދު ދެ ޕާޓީގެ މެމްބަރުން އަދި ރާއްޖޭގެ ރައްޔިތުން ސުވާލު އުފައްދާނެ ކަމަށެވެ.
ނަމަވެސް އެމްޑީޕީއާއެކު އެކަމުގެ މަޝްވަރާތައް އަދިވެސް ކުރަމުން އަންނަ ކަމަށާއި، އެމްޑީޕީގައި ތިބި މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުންވެސް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރިން ވެސް އަދި މިހާރުވެސް ތާއީދުކުރާނެ ކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ބާރު މިވަގުތު އޮތީ ރައީސް ސޯލިހުގެ އަތްޕުޅުގައި ކަމަށާއި، މި ދަނޑިވަޅަކީ ނިޒާމް ބަދަލު ކުރަން އެންމެ ރަނގަޅު ވަގުތުކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
"ގާނޫނު އަސާސީގައި އޮންނަ ގޮތުން އެކަމަކީ ރައީސް ޖުމްހޫރިއްޔާއަށްވެސް ކުރެވެން އޮންނަ ކަމެއް. އަދި ރައްޔިތުންގެ މަޖިލީހަށްވެސް ކުރެވެން އޮންނަ ކަމެއް. އެހެންވީމަ އަޅުގަނޑުމެން މި އެދެނީ ރައީސްޖުމްހޫރިއްޔާ އަރިހުގައި އެކަން ކޮށްދެއްވުމަށް. އަދި ހަގީގަތުގައި ޑިމޮކްރެޓުން ދެކޭގޮތުގައި މިވަގުތު އެކަން ކުރައްވަންވާނީ ވެސް ރަނގަޅު ނިޔަތެއް އޮތް ކަމަށްވަންޏާ ރައީސް ޖުމްހޫރިއްޔާ."