މިމަހުގެ 30ވަނަ ދުވަހު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދިވެހިން ނިންމަން ޖެހިފައި އޮތީ ސިޔާސީ މައްސަލައެއް ނޫން ކަމަށާއި އެއީ ގައުމީ ކަމެއް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ ސަރަހަައްދަށް މިއަދު ހަވީރު ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމާއި ފްލެޓު އެޅުމާއި ޒުވާނުންގެ ކަންކަމުގެ އިތުރުން ކަނބަލުންނަށް ބޭނުންވާ ކަންކަމަކީ މިނިވަންކަމުގެ ފަހަށް އަންނާނެ ކަންތައްތައް ކަމަށެވެ. މިނިވަންކަމެއް ގައުމުގައި ނެތް ނަމަ އެއިން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރިމަތީގައި މިއޮތީ ގައުމީ މައްސަލައެއް. ގައުމުގެ މިނިވަންކަން ޔަގީން ކުރުން، އަޅުގަނޑުމެންގެ އަމިއްލަ ގައުމުގައި އަމިއްލަ ބަސް ބުނުމުގެ ޔަގީންކަން ހޯދުން،" މުއިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ފޭކް އެގްރީމަންޓުތަކެއް ހަދައިގެން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުން ގެންދާ މަންޒަރު ކަމަށެވެ. ރާއްޖޭގައި ބޭރުގެ ސިފައިން ނެތް ކަމަށް ހަދައިގެން ރާއްޖޭގެ މިނިވަންކަން ގެއްލިގެން ނުދާ ކަމަށް ދައްކަމުން ގެންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިއީ ސަމާސަ ކަންކަމެއް ނޫން. ސަމާސަ ކަންކަމެއް ނޫން މިއީކީއެއް، އަޅުގަނޑުމެންނަށް ފްލެޓު އެޅިދާނެ ޓަވަރުތަކުގައި [ހިޔާ ޓަވަރުތަކުގައި] ލިފްޓުވެސް ބެހެއްޓި ދާނެ. އެކަމަކު މިނިވަންކަން އަތުން ދޫކޮށްލައިފިއްޔާ ހޯދަން ފަސޭހަ ވާނެތޯ،" މުއިއްޒު ސުވާލު ކުރެއްވިއެވެ.

މުއިއްޒު މިއަދު ވެސް ވަނީ ހިޔާ ފްލެޓުތައް ހެދުމަށް އެތަންތަން ލިބުނު ފަރާތްތަކުގެ އަތުން ދިޔަ ހަރަދުގެ އެވްރެޖު އަގެއް އޭނާގެ ސަރުކާރެއްގައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ހުޅުމާލެ ފޭސް ދޭކަށް އެއްވެސް ވަރަކަށް އަޅާލާފައި ނުވާ ކަމަށާއި އޭނާގެ ސަރުކާރެއްގައި އެތަން ޕްލޭނާއި އެއްގޮތަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.